ޔަމަންގެ ވެރިރަށް ޞަންޢާގައި ހަރަކާތްތެރިވަމުން ދިޔަ އދ.ގެ ހަތް މުވައްޒަފަކު ޙޫޘީން ހިފަހައްޓައިފިއެވެ. މި ހާދިސާއާއި ގުޅިގެން އދ.އިން ވަނީ ޔަމަންގެ އުތުރުގެ ސަރަޙައްދުތަކުގައި ހިންގަމުންދިޔަ އިންސާނީ އެހީގެ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލާފައެވެ.
އދ.އިން ބުނެފައިވަނީ މި މުވައްޒަފުން ހައްޔަރުކޮށްފައިވަނީ ޞަންޢާގައި މަސައްކަތްކުރަމުންދަނިކޮށް ކަމަށެވެ.
ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ޙޫޘީންގެ މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އެ މުވައްޒަފުން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ.
"އދ.އާއި އދ.ގެ ބައިވެރިންގެ މުވައްޒަފުންނާއި ދެކޮޅަށް ހިންގަމުންދާ މިފަދަ ޢަމަލުތަކާއި ގުޅިގެން ޔަމަންގެ އެތަކެއް މިލިޔަން ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭދެވޭ އަސަރު ކުރޭ،" ގުތެރޭޝް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި އދ.އިން ފޯރުކޮށްދެމުންދިޔަ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އދ.އިން ބުނެފައިވެއެވެ. އަދި ހައްޔަރުކޮށްފައިވާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ މީހުން މިނިވަންކުރުމަށް ހުރިހާ މަގަކުން މަސައްކަތްކުރާނެ ކަމަށް ވެސް ޔޫއެން އިން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހުސްވި ޑިސެންބަރު މަހުގެ ތެރޭގައި ވެސް އދ.ގެ 11 މުވައްޒަފަކު ޙޫޘީންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މީގެ އިތުރުން، ޞަންޢާގައި ހުރި އެމެރިކާގެ އެމްބަސީގައި މަސައްކަތްކުރާ 20 މުވައްޒަފަކުވެސް މިވަގުތު ތިބީ ޙޫޘީންގެ ބެލުމުގެ ދަށުގައެވެ.
ޙޫޘީން ދަނީ ޣައްޒާގެ ހަނގުރާމައާއި ގުޅިގެން ޔަހޫދީންނާއި ދެކޮޅަށް އަސްކަރީ ހަރަކާތްތަކެއް ހިންގަމުންނެވެ. މި ހަރަކާތްތަކާއި ގުޅިގެން އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ޔަމަންގެ އެކި ސަރަޙައްދުތަކަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ނަމަވެސް، ޣައްޒާގައި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ޙޫޘީންވެސް ވަނީ އެމެރިކާއާއި އިނގިރޭސިވިލާތާ ދެކޮޅަށް ހިންގަމުންދިޔަ އަސްކަރީ ހަރަކާތްތައް މެދުކަނޑާލައި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ކުންފުންޏަކަށް ނިސްބަތްވާ ގެލެކްސީ ލީޑަރ ކިޔާ ބޮޑު އާގުބޯޓުގެ 25 ފަޅުވެރިން ވެސް ދޫކޮށްލާފައެވެ.
އެމެރިކާއިން މިހާރު ވަނީ ހޫޘީންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައެވެ.









