އދ.ގެ 80 ވަނަ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤްރީރުކުރައްވަން ފެށުމުން ގިނަ ޢަދަދެއްގެ ބަޔަކު ހޯލް ދޫކުރައްވައި ނިކުމެވަޑައިގެންފިއެވެ.
ނަތަންޔާހޫ ތަޤްރީރު ކުރައްވަން ތެދުވުމާއެކު އެތައް ބަޔަކު ހޯލު ދޫކުރައްވައި ބޭރަށް ނުކުމެވަޑައިގަންނަވާތަން ވީޑިއޯއިން ފެނެއެވެ. ޚިޠާބު ފެށުނުއިރު ހާޒިރުވި މީހުންގެ ސީދާ ޢަދަދު ސާފެއް ނުވި ނަމަވެސް، ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ގޮނޑިތައް ފެންނަނީ ހުސްކޮށެވެ.
އދ.ގެ 80 ވަނަ ޢާންމު މަޖިލީހުގައި ނަތަންޔާހޫ ތަޤްރީރުކުރައްވާއިރު ގޮނޑިތައް ހުސްކޮށް.
100 އަށް ވުރެ ގިނަ ޤައުމުތަކުގެ ޑިޕްލޮމެޓުން ވަޑައިގެން ތިއްބެވި ހޯލުގައި މިވަގުތު ތިބީ ވަރަށް ވެސް މަދު ބޭފުޅުންތަކެކެވެ.
މިއީ ދުނިޔޭގެ މައިދާނުގައި އިސްރާއީލަށް ކުރިމަތިވެފައިވާ ޑިޕްލޮމެޓިކް އެކަހެރިކަމެކެވެ.
ނަތަންޔާހޫ މިއަދު ތަޤްރީރުކުރައްވަން ހަމަޖެހިފައި އޮތީ ޣައްޒާގައި ހިންގާ ޢުދުވާނާއި ހުޅަނގުއައްސޭރިއަށް އަތްގަދަކުރުމާއި ބެހޭ ގޮތުން އިސްރާއީލުގެ ސަރުކާރު ދިފާޢުކުރުމަށް ކަމަށް މީގެ ކުރިން ރިޕޯޓުތަކުގައި ބުނެފައިވެއެވެ.