މި އަހަރުގެ ޖުލައި މަހު ތެހެރާނުގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލައިގެ ޒިންމާ އިސްރާއީލުން ފުރަތަމަ ފަހަރަށް ނަގައިފިއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.
މިއީ ހަނިއްޔާގެ މަރުގައި އިސްރާއީލުން ބައިވެރިވިކަން ރަސްމީކޮށް ޤަބޫލުކުރި ފުރަތަމަ ފަހަރެވެ. ކަޓްޒް މިކަން ހާމަކުރެއްވީ ޔަމަނުގެ ހޫޘީ ހަރަކާތުގެ ލީޑަޝިޕަށް އަމާޒުކޮށްގެން ހަމަލާތަކެއް ދިނުމަށް އިސްރާއީލުން ގަސްތުކުރާ ކަމުގެ އިންޒާރު ދެއްވަމުންނެވެ.
ކަޓްޒް ވިދާޅުވީ އިސްރާއީލުން ހޫޘީންނަށް ވަރަށް ވަރުގަދަޔަށް ހަމަލާދޭނެ ކަމަށާއި އަދި އެމީހުންގެ ލީޑަޝިޕްގެ ބޯ ކަނޑާލާނެ ކަމަށެވެ. ހަމާސް އާއި ހިޒްބުاللهގެ ލީޑަރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތް ހޫޘީންނާއި މެދުވެސް ކަންތައް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުމުރުން 62 އަހަރުގެ ހަނިއްޔާގެ އިތުރުން ޣައްޒާ އާއި ލުބުނާނުގައި ޔަހްޔާ ސިންވާރާއި ހަސަން ނަސްރުالله ފަދަ ހަނގުރާމަވެރި އެހެން ލީޑަރުން މަރުވި މައްސަލައިގެ ޒިންމާ ކަޓްޒް ވަނީ ނަގާފައެވެ.









