ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ "ޕީސް ކައުންސިލް" އިން އެކުލަވާލާފައިވާ ރޯޑްމެޕަށް އިސްރާއީލް ސަރުކާރުން އެއްބަސްވުމަކީ ހަމާސްގެ ކުރިމަތީގައި ބަލިގަބޫލުކުރުން ކަމަށް އިސްރާއީލުގެ މީޑިއާ އިން ރިޕޯޓްކޮށްފިއެވެ. މިއީ އިސްރާއީލުގެ އަސްކަރީ އަދި ސިޔާސީ މަސްރަހުގައި ބޮޑެތި ލޮޅުންތަކެއް އުފެދި، ހަނގުރާމައިގެ މައިދާނުގައި ނާކާމިޔާބުވީކަން އަމިއްލައަށް އިއުތިރާފުވުން ފަދަ ކަމެއްގެ ގޮތުގައި މީޑިއާ ރިޕޯޓްތައް ސިފަކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާއި ހަމާސްގެ ހަތިޔާރު ހަވާލުކުރުން އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާއިރު، މިއީ ހަމާސްގެ ބާރުތައް އެއްކޮށް ނައްތާނުލަނީސް ސިފައިން ފަހަތަށް ޖެހުން ކަމަށްވުމުން އިސްރާއީލުގެ ހަރުކަށި ފަރާތްތަކުން ރުޅިވެރިކަން ފާޅުކުރަމުންދެއެވެ.
މި އެއްބަސްވުމުގެ ދަށުން ޣައްޒާގެ ސަލާމަތީ ކަންކަން ބައިނަލްއަގުވާމީ ބާރަކާ ހަވާލުކުރުމާއި، ހަމާސްގެ ލީޑަރުންނަށް ރައްކާތެރިކަމާއެކު ފުރައިގެން ދިއުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މިކަމުގެ ސަބަބުން އިސްރާއީލުން ކަނޑައެޅި "ހަމާސް އެއްކޮށް ނައްތާލުމުގެ" ލަނޑުދަނޑި ހާސިލުނުވެ ހަނގުރާމަ ނިންމާލަން ޖެހުމަކީ ހަމާސްއަށް ލިބުނު ބޮޑު ސިޔާސީ އަދި އަސްކަރީ ކާމިޔާބީއެއްގެ ގޮތުގައި އިޒުރޭލު މީޑިއާއިން ސިފަ ކުރެއެވެ.








