ފަލަސްތީނުގެ މުޤައްދަސް ބިން ފޭރިގަތުމަށް ޒައެނިސްޓުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުޙަލާގެ ކަންކަން ކުރިޔަށް ގެންދިޔުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމާސްގެ އިސް ވަފުދެއް ރޭ މިޞްރުގެ ވެރިތަށް ޤާހިރާއަށް ވަޑައިގެންފިއެވެ.
ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވަފުދުގެ އިސްވެރިޔަކީ ޣައްޒާގައި އެ ހަރަކާތުގެ ލީޑަރު އަދި އެ ހަރަކާތުގެ ނެގޯޝިއޭޓިން ޓީމުގެ އިސްވެރިޔާ ޚަލީލް އަލް ހައްޔާ ކަމަށެވެ.
މަޝްވަރާތައް ފަށާނީ މިއަދުއެވެ.
ހަމާސް އިން ބުނީ ފުރަތަމަ ފިޔަވަހީގައި ނުނިމި ބާކީ ހުރި ފިޔަވަޅުތަކާއި ދެވަނަ ފިޔަވަހީގައި ކަންކަން ކުރާނެ ގޮތަކާއި މެދު މަޝްވަރާ ކުރާނެއެވެ.
އެ ވަފުދުން "މިސްރުގެ އޮފިޝަލުންނާއި މެދުވެރިންނާ ބައްދަލުކޮށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރުން ފައިނަލްކޮށް، ޣައްޒާއަށް އިސްރާއީލުން ތަކުރާރުކޮށް ދޭ ހަމަލާތައް ހުއްޓުވައި، އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ވަނުމަށް އެކަށީގެންވާ ނިޒާމުތައް ގާއިމްކުރާނެ" ކަމަށް ބަޔާނުގައިވެ އެވެ.
އަދި ފަލަސްތީނުގެ ފެކްޝަންތަކާއި ބާރުތަކާ ބައްދަލުކޮށް އެކި މައްސަލަތަކުގައި އެއްގަލަކަށް އެރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރާނެ ގޮތަކާ މެދު ވެސް މަޝްވަރާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމުގެ އޮނިގަނޑެއް ކަނޑައަޅާފައިވާ 20 ނުކުތާގެ ޕްލޭނެއް ސެޕްޓެމްބަރު މަހު އިއުލާން ކުރައްވާފައެވެ. އޭގައި ހަމާސްގެ ހަތިޔާރުތައް ނައްތާލުން ވެސް ހިމެނެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި އިސްރާއީލާއި ފަލަސްތީނުގެ ފެކްޝަންތަކުގެ މެދުގައި ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުން ހިމެނެ އެވެ. ނަމަވެސް އިސްރާއީލުން ދަނީ އެ އެއްބަސްވުމާ ކޮންމެ ދުވަހަކު ޚިލާފުވަމުންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިނގި ނަސްލު ނައްތާލުމުގެ ސަބަބުން ފަލަސްތީނުގެ ލައްކައެއްހާ މީހުން ޝަހީދުވެ، 190،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ހަމާސް އިން ބުނެއެވެ.
2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ނަމަވެސް، އެވްރެޖްކޮށް ކޮންމެ ދުވަހަކު ދޭ ހަމަލާތަކުގައި ފަލަސްޠީނުގެ މުސްލިމުން ދަނީ ޝަހީދު ވަމުންނެވެ.









