އިސްރާއީލުން ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، ޣައްޒާގެ އަންހެން ފުލުހުންގެ މުއައްސަސާގެ އެންމެ މަތީވެރިޔާ ކާނަލް ފާތިނާ އަލް-ސައްހާރު ޝަހީދުކޮށްލައިފި ކަމަށް ފަލަސްތީނުގެ ރަސްމީ ޚަބަރުތަކުން ރިޕޯޓްކޮށްފިއެވެ. ޣައްޒާ ސިޓީގައި ހުންނަ ފުލުހުންގެ މައި މަރުކަޒާ ދިމާލަށް ދިން މި ހަމަލާގައި، ކާނަލް ފާތިނާގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އެހެން ބައެއް އިސް ކޮމާންޑަރުން ވެސް ވަނީ ޝަހީދުވެފައެވެ.
ފަލަސްތީނުގެ މެޑިކަލް އަދި ސަލާމަތީ ބާރުތަކުން މައުލޫމާތު ދޭގޮތުގައި، މި ނުރައްކާތެރި ހަމަލާގައި ގިނަ ބަޔަކު އަވަހާރަވުމުގެ އިތުރުން މަދުވެގެން 15 މީހަކަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. ހަމަލާ އަމާޒުވި ސަރަހައްދުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޣައްޒާގެ ދާޚިލީ ވުޒާރާއިން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އެ ވުޒާރާއިން ބުނިގޮތުގައި އިސްރާއީލުން ގަސްތުގައި މަދަނީ ފުލުހުންނަށް ހަމަލާދެނީ، ގައްޒާގެ އެތެރޭގެ އަމާންކަމާއި ހަމަޖެހުން ނަގާލައި، އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހަލަބޮލިކަން އުފެއްދުމުގެ ބޭނުމުގައެވެ.
ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އިސްރާއީލުން ބުނާގޮތުގައި އެ ހަމަލާއަކީ ފުލުހުންގެ މަރުކަޒު ހުރި ސަރަހައްދުން ހަރަކާތްތެރިވަމުންދިޔަ ހަމާސްގެ ލަޝްކަރީ ކޮމާންޑަރަކަށް އަމާޒުކޮށްގެން ދިން ހަމަލާއެކެވެ.









