ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުން ފޮނުވާލި މިސައިލެއް ރޭ ދަންވަރު އިސްރާއީލުގެ މެދުތެރެއަށް ވެއްޓި 20 މީހަކު ޒަޚަމްވެއްޖެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، 20 މީހުން ޒަޚަމްވީ ޔަމަނުން ފޮނުވާލި މިސައިލަކުން ސަލާމަތްވުމަށްޓަކައި އިސްރާއީލުގެ އެކި ސަރަޙައްދުތަކުގައި އެއްފަހަރާ މިލިޔަނެއްހާ މީހުން ބިންގަރާސްތަކަށް ވަނުމަށް އުޅުމުގެ ތެރޭގައި ފިތި ބާރުވެގެންނެވެ. ޒަޚަމްވި 20 މީހުންގެ ތެރެއިން ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ޔަމަންގެ ބަލިސްޓިކް މިސައިލަށް ހުރަސްއެޅިއެވެ. ނަމަވެސް މިސައިލްގައި ހަރުކޮށްފައިވާ ބާރުގަދަ ވޯހެޑާއި މިސައިލްގެ ބައިތައް ވެއްޓުނީ އިސްރާއީލުގެ މެދުތެރޭގެ ސަރަޙައްދުތަކަށެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުތަކަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ ތިން ދުވަސް ކުރިން ވެސް ޔަމަނުން ވަނީ ބާރުގަދަ މިސައިލަކުން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ޙަމަލާދީފައެވެ. އެ ޙަމަލާ ދިނީ އަޑަށްވުރެ 12 ގުނައަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލަކުން ކަމަށް ޔަމަންގެ ހޫޘީންގެ ތަރުޖަމާން ކާނަލް ޔަހްޔާ ސަރީޢު ވިދާޅުވެފައިވެއެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޙަމަލާތައް ހުއްޓާލައި، ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އުވާލަންދެން އިސްރާއީލަށް ދޭ ޙަމަލާތައް ކުރިޔަށް ގެންދާނެކަމުގެ އިންޒާރު ހޫޘީންގެ ތަރުޖަމާން ވަނީ ދެއްވާފައެވެ.









