ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ މިރޭ ކުޅުނު އެންމެ ފަހު މެޗުގައި އައްޑޫ ސިޓީން ކ. މާފުށި 3-0 އިން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ އެންމެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އައްޑޫ ސިޓީގެ ތިން ލަނޑު ވެސް ޖެހީ ދެވަނަ ހާފުގައެވެ. އައްޑޫގެ ފުރަތަމަ ލަނޑު ޖެހީ އިސްމާއިލް އީސާ (މެސީ) އެވެ. އޭނާގެ އުފަން ދުވަހާ ދިމާކޮށް ޖެހި މި ލަނޑަކީ އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ޖެހި ލަނޑެކެވެ.
މިރޭ އުފަންދުވަސް ފާހަގަކުރަމުންދާ އިސްމާއިލް އީސާ (މެސީ). އައްޑޫ ސިޓީގެ މިރޭގެ ފުރަތަމަ ގޯލު ޖަހައިދިނީ މެސީ. / ފޮޓޯ: ޚުލާސާ
އައްޑޫގެ ދެވަނަ ލަނޑު ޖެހީ މުހައްމަދު ހާޒިމް ރިއްފަތެވެ. މިއީ ކޯނަރ ކިކެއްގައި ދަނޑީގައި ޖެހިފައި ނުކުތް ބޯޅައެއް ގޯލަށް ވައްދާލައިގެން ޖެހި ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގައި އައްޑޫގެ ތިންވަނަ އަދި ފަހު ލަނޑު ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މިއީ އިސްމާއިލް އީސާ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށްފަހު، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ހުސްކޮށްލާފައި ދިން ބޯޅައަކުން އިއްބެ ހަމަޖެހިލައިފައި ޖެހި ގޯލެކެވެ.
މި ނަތީޖާއާއެކު، މިހާރު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ހަތަރު ޓީމެވެ. އެއީ މާލެ ސިޓީ، ބ. އޭދަފުށި، ރ. އަލިފުށި އަދި އައްޑޫ ސިޓީއެވެ.
މާލެ ސިޓީ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި 5-3 އިން ގުރައިދޫ ބަލިކޮށްގެންނެވެ.
ބ. އޭދަފުށި ސެމީއަށް ދިޔައީ 5-0 އިން ނައިފަރު ބަލިކޮށްގެންނެވެ.
ރ. އަލިފުށި ސެމީއަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން 6-5 ލަނޑުން ފުވައްމުލަކު ސިޓީ ބަލިކުރުމަށްފަހުއެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާލެ ސިޓީ ބައްދަލުކުރާނީ ބ. އޭދަފުށްޓާއެވެ. ދެވަނަ މެޗުގައި އައްޑޫ ސިޓީ ނުކުންނާނީ ރ. އަލިފުށްޓާ ދެކޮޅަށެވެ. މި ދެ މެޗުން މޮޅުވާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެއެވެ.