އައްޑޫ ސިޓީން މާލެއަށް ދަތުރުކުރަމުންދިޔަ "ސީމެކްސް" ބޯޓުން ގެއްލުނު ނޭޕާލް ފަޅުވެރިޔާ ރާޖް ކުމާރު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނެފައިވާ ގޮތުގައި ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ސްކޮޑްރަންއިން ސާޗް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މިގޮތުން 104 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދެއް ބަލާފައިވާއިރު، މިހާތަނަށް ގެއްލުނު މީހާ ފެނިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި ބޯޓު އައްޑޫ ސިޓީން ފުރީ އިއްޔެ ރޭ 11:30 ހާއިރުއެވެ. ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރިކަމަށާއި، ރޭ ދަންވަރު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަދެއްކިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާ ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލަކާއި 8 މޭލަށް ކައިރިވެފައިވަނިކޮށްކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ރާޖް ކުމާރު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ފުލުހުން ދަނީ އޭނާ ގެއްލުނު މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ.









