މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެކުނުގެ ސަރަހައްދީ އޮފީސް އައްޑޫ މަރަދޫގައި މިއަދު ހުޅުވައިފި އެވެ.
މަރަދޫ ބަނދަރު ސަރަހައްދުގައި ހަދާފައިވާ އެ އޮފީސް ހުޅުއްވައި ދެއްވީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ އައްޑޫގައި އަލަށް ހުޅުވި އެ ކަސްޓަމްސް އޮފީހުގެ މަސައްކަތް ބައްޓަންކުރާނީ އެ ސަރަހައްދުގެ ޑޮކިއުމެންޓޭޝަންގެ މަސައްކަތްތަކަށް ކަމަށެވެ. އަދި ކަސްޓަމްސް އިން ދޭ ބައެއް ހިދުމަތްތައް މާލެއިން ބޭރުގައި ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްގެ އެ އައު އޮފީސް އިމާރާތުގައި މުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންވާ ޖާގައާއި ކްލާސްރޫމްތަކާއި ކޮންފަރެންސް ހޯލަކާއި އެކޮމޮޑޭޝަން ބްލޮކެއް ވަނީ ހަދައިފަ އެވެ.
އައްޑޫގައި މިހާރު ކަސްޓަމްސްގެ ހިދުމަތް ދެނީ ގަމު އެއާޕޯޓުގެ ބަނދަރާއި ހިތަދޫ ޕޯޓް ލިމިޓެޑުގައި ހަދައިފައި ހުންނަ އޮފީހުންނެވެ.









