އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލި ނިންމުން ބާތިލުކޮށް، އޭނާ އަނބުރާ މިއަދު ޖަލަށް ގެންގޮސްފިއެވެ. އަދި އޭނާ ދޫކޮށްލުމުގެ ނިންމުމުގައި ބައިވެރިވި ޕެރޯލް ބޯޑުގެ ހަ މެންބަރަކު ވަނީ މަގާމުން ވަކިކޮށްފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާނ ވިދާޅުވީ، އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ޕެރޯލް ބޯޑުން ނިންމާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ދޫކޮށްލުމުގައި ޕެރޯލް ބޯޑުން އަމަލުކޮށްފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ނޫން ކަމަށް ބެލެވޭތީ، އެ ނިންމުން މުރާޖައާކުރުމަށް މިނިސްޓްރީން އެންގުމާ ގުޅިގެން، ބޯޑުން ވަނީ އެ ނިންމުން މިއަދު ބާތިލުކޮށްފައެވެ.
މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި އަބުޗާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާއަށް ޕެރޯލަށް އެދެވެނީ ހަ އަހަރާއި ތިން މަސް ދުވަސް ތަންފީޒުކުރުމަށް ފަހުގައެވެ. ނަމަވެސް، ޝަރީއަތުގެ މުއްދަތުގައި ބަންދުގައި ހުރި ހަތަރު ވަރަކަށް އަހަރު ހުކުމުން އުނިކުރުމަށްފަހު، ބޯޑުން މުއްދަތު ގުނުމުގައި ހެދި ގޯހަކުން އޭނާ ޖަލުގައި ހޭދަކުރީ ފަސް އަހަރާއި 11 މަސް ދުވަހެވެ. މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް ޕެރޯލް ދިނުމަކީ ސަރުކާރުގެ ސިޔާސަތާ ވެސް ހިލާފު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބޯޑުގެ މެންބަރުން ވަކިކުރި ނަމަވެސް، އެ ބޭފުޅުން އެކަން ކުރެއްވީ ގަސްދުގައި ނުބައި ނިޔަތެއްގައި ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މެންބަރުން ވަކިކުރީ ކުށްވެރިވެގެން ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕެރޯލް ބޯޑަށް އާ މެންބަރުން އައްޔަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
އަބުޗާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 2020 ގައި ކަނޑުމަތިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކުގައެވެ. އޭނާގެ މައްޗަށް އައި 50 އަހަރުގެ ޖަލު ހުކުމް އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 25 އަހަރަށް ކުޑަކޮށް، ހުކުމް ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގައެވެ.





