މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ޤާނޫނުއަސާސީގެ ޙިމާޔަތުގައި ކަމަށް ބުނެ މާލޭގައި ބޮޑު ހަމަނުޖެހުމެއް ހިންގަން އުޅޭތީވެ އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ޖަލްސާ ބޮއިކޮޓް ކުރައްވައި އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެއިން ބޭރްށް ފުރައިފި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ޕާޓީގެ އެތެރޭގައި ވަރަށް ބޮޑަށް މަސްލަޙަތު ގޯސްވެފައިވާ ކަމަށާއި، މަސްލަޙަތު ގޯސްވާން ޖެހުނު ސަބަބަކީ ޤާނޫނުއަސާސީގެ ޙިމާޔަތުގައި ކަމަށްބުނެ ޤާނޫނާއި ޚިލާފަށް ހަމަނުޖެހުން ހިންގަން ތަރުހީބު ދޭތީއެވެ.
އެނގިފައިވާ ގޮތުގައި ހަމަނުޖެހުން އުފައްދަން ބޭނުންވަނީ ފައްޔާޒު އާއި އަދި އިތުރު ފެކްޝަން ތަކަކުންނެވެ. އެކަމާއި މެދު ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ދެކޮޅު ހައްދަވައެވެ. ބައެއް މެންބަރުން ޚިޔާލު ފާޅުކުރަނީ ފުލުހުންގެ އިދާރާއަށާއި މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ދިރިއުޅުއްވާ ގެކޮޅަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާ މުލިއާގެ ކައިރިޔަށް ވެސް އެއްވެ ހަމަނުޖެހުން އުފެއްދުމަށެވެ. ނަމަވެސް އެކަންތަކާއި ޢަބްދުﷲ ޝާހިދު ދެކޮޅު ހައްދަވާ ކަމަށާއި، އެފަދަ ކަމަކަށް ހިއްވަރު ދޭން ޝާހިދު ބޭނުން ނުވާ ކަމަށް ޚަބަރު ލިބެއެވެ.
އޭނާ ވިދާޅުވީ ހަމަނުޖެހުމުގައި ބައިވެރި ނުވުމަށް ޢަބްދުﷲ ޝާހިދު ވަނީ މިހާރު ރާއްޖެއިން ބޭރަށް ފުރާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިންގަން ރާވާފައިވަނީ ޖަލްސާއެއްގެ ނަމުގައި ކަމަށް ވިޔަސް، އޭގެ އަސްލު މަޤްޞަދަކީ ސަރުކާރާއި ދެކޮޅަށް ބޮޑު އިހުތިޖާޖެއް ކުރުމެވެ. އެމްޑީޕީގެ ހަރަކާތުގައި އެމްޑީޕީގެ އެކްޓިވިސްޓުން މާރާމާރީ ހިންގަން ޖެހުނަސް ތައްޔާރަށް ތިބިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ދެއެވެ.
ޤާނޫނުއަސާސީގެ ނަމުގައި ހަމަނުޖެހުން ތަކުގައި ބައިވެރި ނުވުމަށް ޝާހިދަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މީގެ ސަބަބުން ބައެއް ފަރާތްތަކުން ދަނީ ޝާހިދު މި ހަމަނުޖެހުމުގައި ބައިވެރިވުމަށް ބޭނުންނުވާތީ ރާއްޖެއިން ބޭރަށް ދިޔަ ކަމަށް ލަފާކުރަމުންނެވެ.
ސޯޝަލްމީޑިއާގައި ވާގޮތުން ފައްޔާޒު ވެސް ހަމަނުޖެހުން ހިންގަން މިހާރު ބޭނުން ނުވާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ފައްޔާޒު އެގޮތަށް ވާހަކަ ދައްކަވަނީ، އެ އެއްވުން ބޮއިކޮޓްކޮށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެއިން ބޭރަށް ފުރުމުގެ ސަބަބުންނެވެ.






