އައްޑޫ ސިޓީގެ 68 އިމާމުންނަށް އަމާޒުކޮށްގެން ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ތަމްރީނަކީ އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ތަމްރީނު ސިލްސިލާގެ ބައެކެވެ.
މި ތަމްރީނު ޕްރޮގްރާމުގައި އައްޑޫ ސިޓީގެ އެކި މިސްކިތްތަކުގައި ޚިދުމަތްކުރަމުންދާ 68 އިމާމުން ބައިވެރިވެއެވެ. މި ތަމްރީނުގެ މަޤްޞަދަކީ އިމާމުންގެ ޢިލްމީ ފެންވަރު މަތިކޮށް، އެ ބޭފުޅުންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމެވެ.
އިސްލާމިކް މިނިސްޓްރީގެ އިސްވެރިއެއް ވިދާޅުވި ގޮތުގައި، މި ޤައުމީ މަޝްރޫޢުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިމާމުންނަށް މި ތަމްރީނު ދެވި ނިމޭނެއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ޤުރުއާނާއި ޙަދީޘްގެ ޢިލްމުގެ އިތުރުން، މުޖުތަމަޢުގައި ދިމާވާ އެކި މައްސަލަތަކާއި ގުޅޭގޮތުން އިސްލާމީ ނަޒަރަކުން ވާހަކަދެއްކުމުގެ ހުނަރުތައް ވެސް އުނގަންނައިދެވޭނެއެވެ.









