ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ގެތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދެއްވިގޮތުގައި، އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ވައިގަދަވުމުގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން، އެ ގޭގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެންޑީއެމްއޭ އިން އިތުރަށް ވިދާޅުވީ، ފުރާޅު އެއްލާލި ގޭގައި 17 މީހުން ދިރިއުޅޭ ކަމަށާއި، އޭގެ ތެރޭގައި 13 މީހުންނާއި 12 އަހަރުން ދަށުގެ 4 ކުދިން ހިމެނޭ ކަމަށެވެ. މި ޢާއިލާ މިހާރު ވަނީ ވަގުތީގޮތުން އެހެން ގެތަކަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުދޫގައި ޖުމްލަ 5 ގެއެއްގެ ފުރާޅު ވަޔާއެކު މަގުމައްޗަށް އެއްލާލާފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. މި ގެތަކުގެ ފުރާޅު މަގުމަތިން އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް އަންގަވާފައެވެ. އެހެންކަމުން، ލިބިދާނެ ގެއްލުންތަކަށް ތައްޔާރުވެ، ދުރާލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.









