އައްޑޫ ސިޓީ ހިތަދޫގައި ރޭ ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން އެންމެ 15 މިނެޓްތެރޭ ނިއްވާލައިފި އެވެ.
މި އަލިފާން ރޯވެފައިވަނީ އާރިކިޅިއާ ދިމާލަށް ދެކުނު ފަރާތުގައި އޮތް ފަޅުގޯއްޗެއްގައި އެއްކޮށްފައި ހުރި ކުނިތަކެއްގައެވެ.
އެމްއެންޑީއެފްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ ރޭ 19:30 ހާއިރު އެވެ. ރިޕޯޓު ލިބުމާއެކު، ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ.
ފަޔަރ ފައިޓަރުންގެ ހުނަރުވެރި މަސައްކަތުން، އަލިފާން ފުރިހަމައަށް ނިއްވާލެވުނީ 19:45 ހާއިރު އެވެ. މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.









