އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހި، އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ އެ މަސައްކަތް 2026 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށެވެ.
"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 1،500 ޓަނުގެ ސްޓޯރޭޖާއި ބްރައިން ފްރީޒިން ކެޕޭސިޓީގެ ގޮތުގައި 50 ޓަނު މިހާރު އެބަހުރި. ނަމަވެސް އެ ކޮމްޕްލެކްސް ތަރައްޤީކޮށް ނިމުމުން، 2،500 ޓަނުގެ ކެޕޭސިޓީ އިތުރު ކުރެވޭނެ," މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަސް ފިނިކޮށް ރައްކާ ކުރުމަށްޓަކައި އިތުރު 1،000 ޓަނާއި އިތުރު 50 ޓަނުގެ ބްރައިން ފްރީޒިންއާއެކު ކޮމްޕްލެކްސްގެ ޖުމްލަ ކެޕޭސިޓީ 2،500 ޓަނަށް އިތުރުކުރެވޭނެ ކަމަށެވެ.
އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކުރުމަކީ ކުރީގެ ސަރުކާރުން އެތައް ފަހަރަކު ވަޢުދުވެ، ނަމަވެސް ނުފެށި އޮތް މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު، މަސްވެރިންނަށް ފައިސާ ދޫނުކުރުމާ ގުޅިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކަރަންޓު ކަނޑާލައި މުޒާހަރާ ކުރިއެވެ. އޭގެ ފަހުން އެތަނުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ.









