އިސްރާއީލާއި ފަލަސްތީނާއި ދެމެދު ފުރަތަމަ ބޮޑު ހަމަނުޖެހުމެއް ހިނގީ 1948 ވަނަ އަހަރު އިސްރާއީލުން މިނިވަންކަން އިއުލާން ކުރުމާ ގުޅިގެންނެވެ. މި ހަމަނުޖެހުން މަޝްހޫރުވެފައިވަނީ ނަކްބާ ("ކާރިސާ") ގެ ނަމުންނެވެ. މި ހަމަނުޖެހުމުގައި ގާތްގަނޑަކަށް 700،000 އަރަބިން ރެފިއުޖީންނަށް ވިއެވެ. 6،000 އިސްރާއީލުގެ މީހުން މަރުވިއެވެ. މުސްލިމުންގެ ތެރެއިން ޝަހީދުވީ 13،000 އަރަބިންނެވެ. 1948 ވަނަ އަހަރުން ފެށިގެން ޝަހީދުކޮށްލި މުސްލިމުންގެ ދަރީންތައް ބޮޑެތިވަމުން އައީ އިސްރާއީލުގެ ނުލަފާކަން އިޙުސާސް ކުރެވެމުންނެވެ. މި ކުދީންތައް އެއްވިއެވެ. އެއީ 1987 ވަނަ އަހަރު ހިންގި ގަތުލުއާންމެއް ކަމަށްވާ ފުރަތަމަ އިންތިފާދާގެ ތެރޭގައެވެ. ފަލަސްޠީނު ބިން ހިމާޔަތް ކުރުމަށް ހަތިޔާރު އެޅި އިސްރާއީލު ސިފައިންނާއި ދެކޮޅަށް މުޒާހަރާ ކުރުމަށް އެމީހުން ނުކުތެވެ. އިސްވެ ހުންނެވީ ޝައިޚް އަޙްމަދު ޔާސިންއެވެ. އިސްރާއީލު ސިފައިންނާއި ދެކޮޅަށް ހަތިޔާރުގެ ގޮތުގައި އެމީހުން ބޭނުންކުރީ އަރައިގެން ހުންނަ ފައިވާނާއި އޮށްގާތަކާއި ލަޓިބުރި ފަދަ ތަކެއްޗެވެ. މި ހަމަނުޖެހުންތައް 1993 - ޞުލްޙައިގެ އޮސްލޯ އެއްބަސްވުންތަކުގައި ސޮއިކުރުމާ ހަމައަށް ދެމިގެން ދިޔައެވެ.
ހަމާސް ނައްތާލުމުގެ ޕްލޭން:
އިސްރާއީލުން ވަކި ހިސާބަކުން އެ އެއްބަސްވުމާއި ޚިލާފުވެ އަނެއްކާވެސް މުސްލިމުންގެ ބިންތަކަށް ވެރިވާން މަސައްކަތް ފެށިއެވެ. ދިފާޢުގައި ހަމާސްއިން ނުކުތުމުން އިސްރާއީލުން ހަމާސްގެ ލީޑަރުންތައް ޝަހީދުކޮށްލަން ފެށިއެވެ.
ޝަހީދުކޮށްލި ލީޑަރުންތައް:
1. ޝައިޚް އަޙްމަދު ޔާސީން

ހަމާސްގެ ކޯ ފައުންޑަރ އަދި ރޫޙާނީ ލީޑަރު ޝައިޚް އަޙްމަދު ޔާސީން އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއާއެކު / ފޮޓޯ: ވިކިޕިޑިއާ
ހަމާސްގެ ކޯ ފައުންޑަރ އަދި ރޫޙާނީ ލީޑަރު - މާރޗް 22، 2004 ގައި ޝަހީދުކޮށްލީ އޭނާގެ ބަސް ޤަބޫލުކުރާ ރައްޔިތުން ގިނަވުމާއެކު އެމީހުން އިސްރާއީލް ސިފައިންނާއި ދެކޮޅަށް މިނިވަންކަމަށް މަސައްކަތްކުރާތީއެވެ.
2. ޢަބްދުލްޢަޒީޒް އަލް ރަންތިސީ
އޭނާއަކީ ހަމާސްގެ ކޯފައުންޑަރެވެ. ޔާސީނަށްފަހު ދެން ލީޑުކުރީ ޢަބްދުލް އަޒީޒެވެ. އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިފުމަށް ކުރާ މަސައްކަތުގައި އިސްރާއީލާއި ދެކޮޅަށް ޖިހާދުކުރަން އޭނާ ފާޅުގައި ގޮވާލިއެވެ. އެހެންވެ އޭނާ ޝަހީދުކޮށްލުމުން ހަމާސްގެ ކަންތައް ނިމުނީ ކަމަށް އިސްރާއީލަށް ހީވެ، އޭޕްރީލް 17، 2004 ގައި އިސްރާއީލުން އޭނާ ޝަހީދުކޮށްލިއެވެ.
3. ސަލާހު ޝަހާދާ 4. މަޙްމޫދުލްމަބޫޙް 5. އަޙްމަދު ޖަބާރީ 6. އިސްމާއިލް އަބޫ ޝަނަބު
7. އިސްމާއިލް ހަނިއްޔާ:
އިސްރާއީލުން އިސްމާޢީލް ހަނިއްޔާވެސް ޝަހީދުކޮށްލަން ރާވާފައި އޮތުމުން 2020ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅުއްވީ ޤަތަރުގައެވެ. މިއަހަރުގެ މެއިމަހު އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަކޮށްލުމުން އޭނާގެ ޖަނާޒާއަށް އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް އިސްރާއީލާއި އެމެރިކާ ގުޅިގެން އޭނާ ޝަހީދު ކޮށްލީއެވެ. ހަނިއްޔާ އަކީ ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިޔާއެވެ. ހަނިއްޔާ އަވަހާރަކޮށްލެވުމުން ހަމާސްއިން ދޫދޭނެކަން އިސްރާއީލަށް ވަރަށް ބޮޑަށް ޤަބޫލުކުރެވުނއެވެ.
ހަމާސް ޖަމާއަތް ބަލިކުރުމަކީ އަދި އެޖަމާއަތް ނައްތާލުމަކީ ހާސިލް ނުކުރެވޭނެ ކަމެއް- އިސްރާއީލު ސިފައިންގެ ތަރުޖަމާނު ޑެނިއަލް ހަގާރީ

19 ޖޫން 2024 - އިސްރާއީލު ސިފައިންގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނެފައި ވަނީ އިސްރާއީލުގެ ސަރުކާރު (ސިޔާސީ ވެރިން) ކަނޑައަޅާފައިވާ ޣައްޒާގެ ހަނގުރާމައިގެ އަމާޒު ކަމަށްވާ ހަމާސް ޖަމާއަތް ބަލިކުރުމަކީ އަދި އެޖަމާއަތް ނައްތާލުމަކީ ހާސިލް ނުކުރެވޭނެ ކަމެއް ކަމަށާއި އެކަން ކުރަންއުޅުމުން ސިފައިންނަށް ލިބޭ ބޮޑެތި ގެއްލުންތައް، އެކަމަށް ގޮވާލާ ފަރާތްތަކަށް އިހުސާސް ނުކުރެވޭކަމުގައެވެ.
ހަގާރީ ބުނިގޮތުގައި ހަމާސް އަކީ ހަނގުރާމަވެރި ޖަމާއަތެއްގެ އިތުރުން ފަލަސްތީނު ރައްޔިތުންގެ ގިނަ ބައަކު ގަބޫލުކުރާ އަދި ފަލަސްތީނު މީހުންގެ ހިތްތަކުގައިވާ ފިކުރެކެވެ. އެފިކުރު ބައްޔެއް ނުކުރެވޭނެއެވެ. އަދި ނައްތައެއްވެސް ނުލެވޭނެއެވެ.

ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަދި ޔަހްޔާ އައްސިންވާރު - މެ ދެ ލީޑަރުންވެސް މިހާރު ވަނީ ޝަހީދު ކޮށްފައި.
8. ޔަހްޔާ އައްސިންވާރު:
ހަނިއްޔާ ޝަހީދު ކޮށްލުމުން ވެސް ހަމާސްގެ އޮޕަރޭޝަނެއް ނުހުއްޓުނެވެ. ދެން އައީ އިސްރާއީލަށް މާ ނުރައްކާތެރި ބިރުވެރިކަމެއް ގޮތަށް އިސްރާއީލަށް ސިފަވިއެވެ. ސަބަބަކީ ހަނިއްޔާއަށްފަހު، ހަމާސް ޖަމާއަތުގެ ސިޔާސީ އޮފީހުގެ ވެރިޔާގެ މަގާމަށް ޔަހްޔާ އައްސިންވާރު އައްޔަން ކުރުމެވެ. އެކަމާއި ވިދިގެން އިސްރާއީލުން ބުނީ އައްސިންވާރު ހަމާސް ލީޑު ކުރުމަކީ ނުރައްކާތެރި ކަމެއްކަމަށާއި އެއީ ޖެއްސުމުގެ އަމަލެކެވެ.
އިސްރާއީލު ސިފައިންގެ އިސް ޖެނެރަލެއް ކަމަށްވާ އޫފަރު ވިންތަރު އެގައުމުގެ ސިފައިންގެ ރޭޑިއޯގައި ވާހަކަ ދައްކަމުން ބުނީ މިއީ ހަމާސުން އިސްރާއީލުގެ އަސްކަރިއްޔާއަށް ކުރި ޖެއްސުމެއް ކަމަށާއި ޣައްޒާގައި ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ދެކެވޭ ވާހަކަތައް އެމެރިކާއާއި އިސްރާއީލު އެދޭގޮތަށް ހަމާސުން ދީލާނުލާނެކަމުގެ މެސެޖް ދިނުމަކީ ސިންވާރު އައްޔަންކުރުމުގެ އެއް ބޭނުން ކަމަށެވެ. މިއީ އިސްރާއީލަށް ގޮންޖެހުންކަމަށް އޭނާ ސިފަކުރިއެވެ.
ނަމަވެސް އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކާ އަދި ލުބްނާނުގެ ހިޒްބުﷲ އާއި އިރާގުގެ މުގާވަމާ ޖަމާއަތްތަކާއި ޔަމަންގެ ޙޫޘީންވަނީ ސިންވާރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ މޭސްތިރިޔާ ކަމަށްވެސް އިސްރާއީލުން ތުހުމަތު ކުރަނީ ސިންވާރުގެ މައްޗަށެވެ.
އަރަބި ތިން ވެރިއަކަށް ފޮނުއްވި ސިޓީފުޅެއްގައި ސިންވާރު ވިދާޅުވެފައިވަނީ ކޮންމެފަދަ ހާޅެއްގައިވެސް ހަމާސްއިން އިސްރާއީލު ރުއްސާކަށް މަސައްކަތެއް ނުކުރާނެ ކަމަށާއި ފަލަސްޠީނުގެ ބިން އިސްރާއީލަށް ދޭކަށް އެއްބަސް ނުވާނެ ކަމަށެވެ. އަދި ހަނގުރާމަ ކުރުުމުގައި ދެމިއޮންނާނެ ކަމަށެވެ. އާންމު ގޮތެއްގައި ގައުމުތަކުން އިސްތިއުމާރާ ދެކޮޅަށް ކުރާ މިނިވަންކަމުގެ ހަނގުރާމައަކީ ފަނާކުރަނިވި ދިގުލީ ހަނގުރާމައެއް ކަމަށާއި އަނިޔާވެރި އިސްތިއުމާރީ ބާރުތަކުގެ އަތްދަށުން ގިނަ ގައުމުތަކަށް މިނިވަންކަން ލިބިފައިވަނީ ދިގުލީ ހަނގުރާމައެއްކޮށްގެން ކަމުގައެވެ.
ސިންވާރު ވިދާޅުވީ، އިސްރާއީލުގެ އިސްތިއުމާރުން ފަލަސްތީނު މިނިވަން ކުރުމަށްޓަކައި ދިގުލީ ހަނގުރާމައަކަށް ދާން ހަމާސްގެ އިތުރުން މުޖާހިދުންގެ ހުރިހާ ޖަމާއަތްތައް ވެސް ތިބީ ތައްޔާރަށް ކަމަށެވެ.
މިކަމުގެ އަގު ކިތަންމެ ބޮޑު ނަމަވެސް އަދި އެތައް ލައްކައަކުން އާންމުން މަރުވި ނަމަވެސް އިސްރާއީލުގެ އަޅުވެތިކަމުން ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންވެވޭނީ ދިގުލީ ހަނގުރާމައެއް ކޮށްގެން ފަލަސްތީނުން ފައިބަން ޔަހޫދީންނަށް މަޖުބޫރުކޮށްގެން ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށް ސިންވާރު ވިދާޅުވެފައި ވެއެވެ.
ންވާރު މިހެން ވިދާޅުވެފައިވަނީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ޝައިޚް ހަސަން ނަސްރުﷲ އަށާއި ޔަމަންގެ ހޫޘީ ޖަމާއަތުގެ ޒައީމް އަބްދުލްމަލިކް ބަދްރުއްދީން އަލްހޫޘީއަށާއި އަދި އަލްޖަޒާއިރުގެ ރައީސް އަބްދުލްމަޖީދު ތަބޫނަށް ފޮނުއްވި ސިޓީތަކުގައެވެ.
އެހެންކަމުން މިއަދު އައްސިންވާރު ޝަހީދުކޮށްލުމަކީ ހަމާސް ނައްތައިލެވޭނެ ކަމެއް ނޫނެވެ. ހަމާސްގެ އޮޕަރޭޝަންތަކަށް ކުޑަ މަޑުޖެހުމެއް އަޔަސް، އަނެއްކާވެސް ހަމާސް އިތުރު ހިއްވަރަކާއިއެކު ތެދުވާނެކަން އިސްރާއީލަށް އެނގެއެވެ.
އިސްރާއީލުން ޣައްޒާގެ ބައިލައްކައާއި ގާތްކުރާ ޢަދަދަށް އާންމުން މަރާލިއިރު ވެސް ޣައްޒާ ދޫކޮށް އެ ތަނުގެ އާންމުން ނުދެއެވެ. މަރުވާން ވެސް އެ މީހުން ތިބެނީ އެ މީހުންގެ ބިމުގައެވެ. ޣައްޒާގެ އާންމުންނަށް ހަމަލާދީ މީހުން މެރުމުގައި އިސްރާއީލުގެ ހަތަރުވަނަ މަގުސަދަކީ ޣައްޒާގެ އާންމުން މަރައިގެންނާއި ޒަޚަމުކޮށްގެން އެ މީހުންގެ ނަސްލު ނައްތާލުންކަމަށް މުޖާހިދުން ދެކެއެވެ.
މުޖާހިދުންނާއި ޣައްޒާގެ ރައްޔިތުންގެ ވެސް ޝިއާރަކީ މިނިވަންކަން ހޯދުން ނޫނީ މިނިވަންކަމަށް މަސައްކަތްކޮށް ޝަހީދު ވެގެންދިޔުން މި ޝިއާރެވެ.
ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމުގެ ރޫހާއި އަޒުމު ގުޑުވާލުމުގައި ވެސް އިސްރާއީލުން ވަނީ ނާކާމިޔާބުވެފައެވެ. މުޖާހިދުންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގައިވަނީ އަމާންކަން އެއްކޮށް ގެއްލިފައެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ ޔަހޫދީން ވަނީ އެ މީހުން ހިޖުރަކޮށްގެން އުޅޭ ފަލަސްތީނުގެ ބިން ދޫކޮށް އެ މީހުންގެ އަމިއްލަ ގައުމުތަކަށް އެނބުރި ދާން ފަށާފައެވެ.
އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން އިސްރާއީލަށް ޒަމާނީ ހަތިޔާރު އޮއްސާއިރު އަދި ޖާސޫސީ މައުލޫމާތާއި އިގްތިސާދީ އެހީއާއި ސިޔާސީ ހިމާޔަތާއި ހިއްވަރު ދެމުންގެންދާއިރު ހަމާސް އަކީ އިސްރާއީލުގެ އަސްކަރިއްޔާއާ އަޅާކިޔާލެވޭވަރަށް ވުރެ ހަތިޔާރުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން މާކުޑަކުޑަ ޖަމާއަތެކެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާތީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ހަމާސް ހަދާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށެވެ. އެހެންކަމުން ހަމާސްއަކީ އެއްވެސް ފަރާތެއްގެ އެހީއެއް ލިބޭ ޖަމާއަތެއް ނޫނެވެ. ހަމާސްއަކީ އިސްލާމީ ފިކުރުގެ ޖަމާއަތަކަށްވާތީ މިސްރާއި ގަލްފުގެ އަރަބި ގައުމުތަކަކީ ހަމާސް އާ ވަރަށް ބޮޑަށް ދެކޮޅު ގައުމުތަކެކެވެ.
އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ހަމާސްއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އެއްވެސް ގައުމަކަށް ކުރަންކެރޭ ކަމެއްނޫނެވެ. ކިރިޔާވެސް ހަމާސްއަށް ހަތިޔާރާއި ހަތިޔާރުގެ ޓެކްނޮލޮޖީ ފޯރުކޮށްދެނީ އެމެރިކާ ދެކެ ޖެހިލުންނުވާ އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެފައިވާ އީރާނުންނެވެ. ނަމަވެސް ހަމާސްއަކީ ޣައްޒާގައި ހިސާރުވެފައިވާ ޖަމާއަތަކަށްވާތީ ހަމާސްއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އީރާނަށްވެސް ވަރަށް ދަތިކަމެކެވެ.
އިސްރާއީލު ސިފައިން ގެންގުޅޭ ބާރުގަދަ ޒަމާނީ ހަތިޔާރުތަކާއި އިސްރާއީލުގެ ސިފައިންނާ ހަމާސްގެ މުޖާހިދުން ކުރިމަތިލައި އެމީހުންނަށް ބޮޑެތި ގެއްލުންތައް ދެމުން ދަނީ ހަމާސްގެ އިންޖިނޭރުން ބިންގަރާސްތަކުގައި އަމިއްލައަށް އުފައްދާ ހަތިޔާރުންނެވެ.
ހަމާސް އޮތީ އެމެރިކާއިން އެޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކުރިނަމަވެސް އަދި ކޮންމެ އެއްޗެކޭ ކީނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު ހުއްޓާލާގޮތަކަށް ނޫނެވެ.
ހަމާސްގެ އިސްވެރިއެއް ކަމަށްވާ ޚަލީލް އަލްޙައްޔާ ވިދާޅުވެފައިވަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލާނީ އެންމެ ކުޑަވެގެން 1967ގެ ހަނގުރާމައިގެ ކުރިން އިސްރާއީލު އޮތް ސަރަހައްދީ ރޮނގަށް އިސްރާއީލު ސިފައިން ފަހަތަށްޖެހި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރެވުމުން ކަމަށެވެ.









