ޙަމާސް އަށް ފައިސާ ފޯރުކޮށްދިނުމުގައި އެންމެ އިސް ވެރިޔާ އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް) އިން ބުނި ގޮތުގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ބޭރުގެ ގައުމުތަކުން ލިބޭ ފައިސާ އާއި އަދި ހަމާސްގެ އޮޕަރޭޝަންތަކަށް އެކި ދިމާތަކަށް ފޮނުވާ މިލިއަން ޑޮލަރުގެ ފައިސާ ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދިޔަ އިހާބް ޚިރްޒިމް ޝަހީދުކޮށްލީ ޣައްޒާ އަށް ދިން ވައިގެ ހަމަލާއެއްގައެވެ.
އިސްރާއީލު ސިފައިން ބުނީ މި ހަމަލާ ދީފައިވަނީ ޣައްޒާގެ މެދުތެރޭގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެހެން މަސްދަރަކުން ބުނީ އޭނާ ޝަހީދުކޮށްލާފައި ވަނީ ޑްރޯން ބޭނުން ކޮށްގެން އޭނާ ދުއްވަމުން ގެންދިޔަ ކާރަށް ޙަމަލާ ދީގެންނެވެ.
އިސްރާއީލުން ވަނީ އިހާބް ޚިރްޒިމް ދަތުރުކުރަމުން ދިޔަ ކާރަށް ހަމަލާ ދީ ގޮއްވައިލި މަންޒަރުގެ ފޮޓޯ އެއް އާންމު ކޮށްފައެވެ.








