އިންޑިއާއިން އައި ދެމަފިރިއަކު 2 ކިލޯގެ މަސްތުވާތަކެއްޗާއެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށް، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 3 ދުވަހުގެ ބަންދު މުއްދަތު ޖަހައިފައެވެ.
ހައްޔަރުކުރެވުނު ދެމަފިރިންނަކީ އިންޑިއާއަށް ނިސްބަތްވާ 41 އަހަރުގެ މުހައްމަދު ޝޯއިބް އާއި 38 އަހަރުގެ އޭނާގެ އަނބިކަނބަލުން އައިޝާއެވެ. މި ދެމަފިރިން ހައްޔަރުކުރެވުނީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގައެވެ.
ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކްރިމިނަލް ކޯޓުގައި ވިދާޅުވި ގޮތުގައި، މި ދެމަފިރިން ރާއްޖެ އައި އިރު އެމީހުންގެ ލަގެޖުގެ ތެރެއިން ފޮރުވާފައި ހުރި 2 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ މި ދެމަފިރިން 3 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ. ބަންދު މަޖިލީހުގައި ހިނގި ކަންތައްތައް އެ ދެމަފިރިންނަށް ތަރުޖަމާކޮށްދީފައިވަނީ ހިންދީ ބަސް އެނގޭ އައިއޯ މެދުވެރިކޮށެވެ.
މި މައްސަލައިގައި ދެމަފިރިންނަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އޮތްކަން ވެސް ވަނީ އަންގާފައެވެ..









