ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވި، 20 އަހަރު ދުވަހުގެ އެއާޕޯޓު ތަރައްޤީގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ (އެމްއޭސީއެލް) ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. އަދި ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ލުއޯ ވޭއިއެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި މަސައްކަތް އަންނަ ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އިރު، 2 އަހަރާއި ބައިގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. 3200 މީޓަރުގެ ދިގުމިނުގައި ހުރި މި ރަންވޭ އަލުން ތަރައްޤީކުރުމުން، އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ވެލާނާ އެއާޕޯޓުގެ ތަރައްޤީއަކީ ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ ކަމެއް ކަމަށާއި، ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް މި މަޝްރޫޢު ކުރިއަށް ގެންދިއުން މުހިއްމު ކަމަށެވެ. އަދި ރާއްޖޭގެ ޖީޑީޕީ 8 ބިލިއަން ޑޮލަރަށް އިތުރުކުރުމަށްޓަކައި އަހަރަކު މަދުވެގެން 2.4 މިލިއަން ފަތުރުވެރިން ގެންނަން ޖެހޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މި މަޝްރޫޢަކީ އެއާޕޯޓުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއް ކަމަށެވެ. މިހާރު ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރާ މި ރަންވޭ އަލުން ތަރައްޤީކުރުމުން، އައު ކޯޑް އެފް ރަންވޭގައި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އެއާޕޯޓު ހުއްޓުމަކަށް އައުމުގެ ފުރުޞަތު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2022 ވަނަ އަހަރު އައު ކޯޑް-އެފް ރަންވޭ ބޭނުންކުރަން ފެށުމާއެކު، ކުރީގެ ރަންވޭ ބޭނުންކުރުން އެއްކޮށް ހުއްޓާލައި، އޭގެ ފަހުން އެ ރަންވޭ ބޭނުންކުރަމުން އައީ ހަމައެކަނި ޓެކްސީވޭއެއްގެ ގޮތުގައެވެ. މި މަޝްރޫޢު ނިމުމުން، އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ބެލެވެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި، ފަތުރުވެރިކވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ. އަދި މި މަސައްކަތް ނިމި، ކުރީގެ ރަންވޭ އަލުން ބޭނުންކުރަން ފެށުމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.









