ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އޭޕްރަންގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި ޙާދިސާ ހިނގާފައިވަނީ އެއަރޕޯޓު ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައި ދަނިކޮށް ލައިޓާއި ކެމެރާ ހަރުކޮށްފައި ހުރި ސްޓްރަކްޗަރގެ ބުޑުގަނޑުގައި ޖެހިގެން ކަމަށެވެ. އެ ސްޓްރަކްޗަރ ހުރީ އޭޕްރަން ސަރަޙައްދުގައި ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓް ހިނގުމާއެކު ވެހިކަލް ދުއްވަން އިން މީހާއަށް އެއަރޕޯޓުގެ ކްލިނިކަށް ގެންދިޔުމަށްފަހު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާ ކްލިނިކަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗަށް ގެންގޮސް ބެލިިއިރުވެސް އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.
ފުލުހުން ބުނީ މި ޙާދިސާގައި މަރުވެފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި ޙާދިސާއާ ގުޅޭ ގޮތުން ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި ޙާދިސާގައި މަރުވެފައިވަނީ އަސްލަމް އާދަމް ނަމަކަށް ކިޔާ މުވައްޒަފެއް ކަމަށާއި، އޭނާގެ މަސައްކަތް ކުންފުނިން ބަލައިގަންނަ ކަމަށެވެ. އަދި އަސްލަމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރާކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މި ޙާދިސާ ފުލުހުން އަންނަނީ ތަހުޤީޤުކުރަމުންނެވެ.









