ދިފާޢީބާރުގެ މަސައްކަތް ހަރުދަނާ ކުރުމަށް ސަރުކާރުން އައްޑޫ ސިޓީ ގަމުގައި އެމްއެންޑީއެފްގެ ޑްރޯން ބޭސްއެއް ގާއިމުކުރަން ނިންމި ނިންމުމާމެދު އެ ސިޓީގެ މޭޔަރު އަހްމަދު ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ނިޒާރު ވިދާޅުވެފައިވަނީ، މި ނިންމުން ނިންމާފައިވަނީ އައްޑޫ ކައުންސިލާއި މަޝްވަރާކުރުމެއް ނެތި ކަމަށެވެ.
މޭޔަރު ނިޒާރު ވިދާޅުވި ގޮތުގައި ގަމަކީ އައްޑޫގެ ތަރައްޤީގެ ޕްލޭންތަކާ ގުޅިފައިވާ މުހިންމު މަސައްކަތްތަކެއް ހިނގަމުންދާ މަރުކަޒެކެވެ. އަދި އިޤްތިޞާދީ ޕްލޭންތައް ވެސް ހެދި ނިމިފައިވާ ތަނެކެވެ. އެހެންކަމުން، މި ސަރަޙައްދުގައި ސިފައިންނާއި ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމަކީ އައްޑޫގެ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޑްރޯން ބޭސް ގާއިމުކުރަން ނިންމާފައިވާ ސަރަޙައްދަކީ ހޮޓަލެއް އެޅުމަށް ކުރިން ނިންމާފައިވާ ތަނެއްކަން ފާހަގަކުރައްވައި، މި ނިންމުން ނިންމާފައިވަނީ އައްޑޫ އެއަރޕޯޓްސް ކޮމްޕެނީގެ ވިސްނުމާ ދެކޮޅަށް އަދި އައްޑޫ ކައުންސިލާއި އައްޑޫގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް އެންގުމަކާ ނުލައި ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ. މިފަދައިން މިކަން ކުރުމަކީ ރުހެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.








