އައްޑޫ ސިޓީ މަރަދޫއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރައްވައިފިއެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ގެއްލިގެން ހޯދަމުންދިޔައީ ސ. މަރަދޫ އަޙްމަދު ހާރޫން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއަކުން މިއަދު ހަވީރު 17:05 ހާއިރުއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، އަޙްމަދު ހާރޫންގެ ސިއްޙީ ހާލަތު ބެލުމަށް މަރަދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
އަޙްމަދު ހާރޫން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:30 ހާއިރުއެވެ. އޭގެ ގާތްގަނޑަކަށް ތިންހަތަރު ގަޑިއިރު ފަހުން އޭނާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއިންނެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.








