އައްޑޫ ސިޓީގައި ބައިނަލްއަގްވާމީ ސީފުޑް ހަބެއް ގާއިމްކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ، އައްޑޫގައި ބޮޑު ބިމެއް ހިއްކައިގެން ފްރީ ޒޯނެއް ތަރައްޤީކުރުމުގެ ތަސައްވުރެއް އެ ކުންފުނިން ގެންގުޅޭ ކަމަށެވެ. އަދި އެގޮތުން ބައިނަލްއަގްވާމީ ސީފުޑް ހަބެއް ގާއިމުކުރަން ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.
"މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑް ސަޕްލައި ކުރުމަށް ބޭރު ޤައުމުތަކުން އިމްޕޯޓްކުރާ މިންވަރު މަދު ކުރެވޭނެ. މިއީ ވަރަށް ބޮޑު ވިޔަފާރިއަކަށް ވާނެ. ޑޮލަރު ލިބުން ވެސް ފަސޭހަ ވާނެ،" ވަޖީހު ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫގައި ރޯރޯ ޓާމިނަލެއް އެޅުމަށް ވެސް އެމްޕީއެލް އިން ވިސްނާކަމަށް ވަޖީހު ހާމަކުރެއްވިއެވެ. އެތަނުގައި ވެހިކަލްތައް އެސެމްބްލްކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވުމަށް ރޭވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޕީއެލްގެ މި މަޝްރޫޢުތަކަކީ ރާއްޖޭގެ އިޤްތިޞާދަށް އާ ދޮރުތަކެއް ހުޅުވައިދޭނެ ކަންކަން ކަމަށް ވަޖީހު ފާހަގަކުރެއްވިއެވެ. އެހެންކަމުން އާ ވިސްނުންތަކާއެކު ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.









