ކަނޑުމަގުން ރާއްޖެއަށް އަންނަ މުދާ އެޅިފައިހުރި ފުލް ކޮންޓޭނަރ ލޯޑް ކޮންޓޭނަރތައް ކްލިއަރ ކުރުމުގެ މަސައްކަތްތައް މިއަދުން ފެށިގެން ތިލަފުށީ ކާގޯ ޓަރމިނަލް (ޓީ.ސީ.ޓީ) އަށް ބަދަލުކޮށް، އެ ޓަރމިނަލްގައި މި ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ހިދުމަތް ތިލަފުށީގައި ފެށިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށް ތަރައްގީކުރެވުނު 100 މީޓަރުގެ ކީ ވޯލް ސަރަހައްދުގައެވެ. މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ގައުމީ މަޝްރޫޢުގެ ދަށުން، ތިލަފުއްޓަށް ބަދަލުކުރެވުނު ފުރަތަމަ މުހިންމު އޮޕަރޭޝަނެވެ.

ތިލަފުށީގައި ކާގޯ ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ---
ފުރަތަމަ ފިޔަވައްސެއްގެ ގޮތުން މިހާރު ފަށާފައިވަނީ "ޑައިރެކްޓް ޑެލިވަރީ" (ޑީ.އާރް)ގެ ގޮތުގައި އެފް.ސީ.އެލް ކޮންޓޭނަރތައް ކަނޑުމަގުން ކްލިއަރކުރުމާއި، މުދާ ހުސްކުރުމަށްފަހު ހުސްކޮންޓޭނަރ ބޭލުމުގެ ހިދުމަތެވެ. ނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީ.އާރްގެ ގޮތުގައި ކުރިންވެސް ކްލިއަރ ކުރަމުން އައި ގޮތަށް މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްއިން ކްލިއަރ ކުރެވޭނެއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންޓޭނަރތަކުގެ ބޮޑުބައެއް ކްލިއަރ ކުރަނީ ކަނޑުމަގުންނެވެ. އަދި މި ކޮންޓޭނަރތަކުގެ ތެރެއިން ގިނައީ އެފް.ސީ.އެލް ކޮންޓޭނަރެވެ. މި ވަގުތު ޑީ.އާރްގެ ގިނަ ކޮންޓޭނަރތައް ކަނޑުމަގުން ކްލިއަރ ކުރަމުން އަންނަނީ ހުޅުމާލެ ޓަރމިނަލްއިންނެވެ. މި އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމަކީ ހުޅުމާލެ ޓަރމިނަލްގެ ލޯކަލް ކީވޯލްގެ އޮޕަރޭޝަންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިކަމެއް ކަމަށް އެމް.ޕީ.އެލްއިން ބުނެއެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީގު ވިދާޅުވީ، ކާގޯ ކްލިއަރަންސްގެ ޚިދުމަތެއް ތިލަފުއްޓަށް ބަދަލުކުރުމަށް އެމް.ޕީ.އެލްގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރެއްވިއެވެ.
ސީ.އީ.އޯ ޝަފީގު އިތުރަށް ވިދާޅުވީ، ތިލަފުށީގައި ކުރިއަށް އޮތްތަނުގައި "ލެސް ދެން ކޮންޓޭނަރ ލޯޑް" އެލް.ސީ.އެލް ގެ ގޮތުގައި ގެންނަ ކާގޯ ކްލިއަރކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ހަވާލުކުރެވިފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.



