މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުއަކީ އިިންގިލާބީ ބަދަލެއްކަމަށާއި، މި ބަދަލާއެކު ރާއްޖޭގެ ޕޯޓު ހިދުމަތުގެ ނިޒާމު ބަދަލުވެގެންދާނީ އެންމެ ކުރިއަރާފައިވާ ޒަމާނީ ނިޒާމަކަށްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީސީއޯ ހަސަން ޝަފީގް ވިދާޅުވެއްޖެއެވެ. ޝަފީގް މިހެން ވިދާޅުވީ މިއަދު ފެށުނު ދެވަނަ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިއަހަރުގެ މެރިޓައިމް ކޮންފަރެންސްގައި ސަރަހައްދީ ގައުމުތަކުގައި މި ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ބައިނަލްއަގްވާމީ މައިދާނުގެ ފަންނީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީގް ފާހަގަކުރެއްވީ، ރާއްޖެއަކީ %90 ކަނޑުގެ ސަރަހައްދު އޮތް ގައުމަކަށްވުމާއެކު، މެރިޓައިމް ދާއިރާއަކީ ގައުމަށް ވަރަށް މުހިންމު ސިނާއަތެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ދޭ ހިދުމަތުގެ އިތުރުން، މި ދާއިރާ ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ރާއްޖެފަދަ ގައުމަކުން އިސްނަގަންޖެހޭ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ބޮޑު ސިނާއަތެއް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސަކީ، ހުނަރާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފުން ކަމުގައިވާތީ، އެމްޕީއެލްއިން އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ މި ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކުރުން ކަމަށް ޝަފީގް ވިދާޅުވިއެވެ. އެކުންފުނީގެ އަމާޒަކީ ކޮންމެ މުވައްޒަފަކީވެސް އެމީހަކު މަސައްކަތްކުރާ ދާއިރާއިން އެކަށިގެންވާ ހުނަރާއި ތަމްރީނު ލިބިފައިވާ މީހަކަށް ހެދުންކަން އޭނާ ހާމަކުރެއްވިއެވެ.
ރާއްޖޭގެ ޕޯޓު ހިދުމަތުގައި މިއަދު މި ދެކެނީ ތާރީހީ އަދި އެންމެ ބޮޑު ބަދަލުގެ ދުވަސްތައްކަން ފާހަގަކުރައްވަމުން ޝަފީގް ވިދާޅުވީ، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއެކު ހިދުމަތުގެ ފެންވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. މީގެއިތުރުން ކާގޯ ހޭންޑްލިންގ ކެޕޭސިޓީ އިތުރުވެ، މުޅި ނިޒާމު ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މި ތަރައްޤީއާއެކު، ބަދަލުވެގެންދާނީ ޒަމާނީ ޚިދުމަތުގެ ނިޒާމަކަށް. ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރުވާއިރު، ޚިދުމަތުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް އަންނާނެ. ޚާއްސަކޮށް ސަރުކާރުގެ 2.0 ނިޒާމާއެކު، އޭ.އައި އާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ޚިދުމަތްތަކުގެ ބެލެހެއްޓުން ހަރުދަނާވެ ޚިދުމަތްތައް އަވަސްވާނެ."
އެމްޕީއެލް ސީއީއޯ ހަސަން ޝަފީގް
މެރިޓައިމް ކޮންފަރެންސްގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން، މި ކޮންފަރެންސްގެ ޒަރިއްޔާއިން އެއް ގައުމު އަނެއް ގައުމު ގުޅުވައިދީ، ތަޖުރިބާތައް ހިއްސާކުރުމުގެ މުހިންމު ޕްލެޓްފޯމެއް ގާއިމުކުރެވިފައިވާކަމަށް ޝަފީގް ވިދާޅުވިއެވެ. މި ފުރުސަތުގެ ބޭނުން ހިފައިގެން ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް އެމްޕީއެލްއިން ކޮށްފަވެއެވެ.
އެގޮތުން، މި ކޮންފަރެންސްގެ ތެރެއިން ދާއިރާއަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ބައިނަލްއަގްވާމީ ފަންނީ ތަޖުރިބާކާރުންނާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ގެންދެވޭކަން ހާމަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މެރިޓައިމް ސިނާއަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެމްޕީއެލްއިން ދިނެވެ.




