މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއް ހަފުތާގެ ތެރޭގައި 33,903.36 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ ހަފްތާގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި މުދާތައް ކްލިއާކޮށްފައިވަނީ ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ކްލިއާކުރި 31,293.50 ފްރައިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން ކްލިއާކުރި 2,609.86 ފްރައިޓް ޓަނުގެ މުދާ ހިމެނެއެވެ.
މި ހަތް ދުވަހުގެ މުއްދަތުގައި ޖުމްލަ 1،633 ކޮންސައިންމަންޓެއް ވަނީ ކްލިއާކޮށްފައެވެ. އެއީ ކޮންޓެއިނަރު ބޯޓުތަކުން ކްލިއާކުރި 1،247 ކޮންސައިންމަންޓާއި، ޖެނެރަލް ކާގޯ ބޯޓުތަކުން ކްލިއާކުރި 386 ކޮންސައިންމަންޓެވެ.
3,100 އަށް ވުރެ ގިނަ ޓީއީޔޫގެ ކޮންޓެއިނަރު ހޭންޑްލްކުރި
އެމްޕީއެލްގެ ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގައި ޖުމްލަ 3,186 ޓީއީޔޫ (ޓްވެންޓީ-ފޫޓް އިކުއިވަލެންޓް ޔުނިޓްސް) ގެ ކޮންޓެއިނަރު ވަނީ ހޭންޑްލްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ބޯޓުފަހަރުން ބޭލި 1,354 ޓީއީޔޫ އަދި ބޯޓުފަހަރަށް ބަރުކުރި 1,832 ޓީއީޔޫ އެވެ.
މުދާ އުފުލާ 9 ބޯޓެއް ބަނދަރުކުރި
މި މުއްދަތުގައި މުދާ ހިފައިގެން 9 ބޯޓެއް ވަނީ ޕޯޓަށް އައިސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު އުފުލާ 3 ބޯޓާއި، ޖެނެރަލް ކާގޯ 6 ބޯޓެވެ. އަދި މި މުއްދަތުގެ ތެރޭގައި 6 ބޯޓެއް ފުރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު އުފުލާ 2 ބޯޓާއި ޖެނެރަލް ކާގޯ 4 ބޯޓެވެ.
55،000 އެއްހާ ޕެރިޝަބަލް ޕެކޭޖުގެ މުދާ ކްލިއާކުރި
މީގެ އިތުރުން، ކާބޯތަކެތީގެ ތެރެއިން އަވަހަށް ހަލާކުވާ ބާވަތްތަކުގެ (ޕެރިޝަބަލް) 54,921 ޕެކޭޖު ވޭތުވެދިޔަ ހަފުތާގައި ކްލިއާކޮށްފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. މި ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކުކުޅު ބިހެވެ. އެގޮތުން 14,514 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން 10,318 ޕެކޭޖުގެ ފިޔާ އަދި ތިންވަނައަށް 7,715 ޕެކޭޖުގެ ކަރާ ވަނީ ކްލިއާކޮށްފައެވެ.
އަވަހަށް ހަލާކުވާ ތަކެތީގެ ތެރޭގައި ދެން އެންމެ ގިނައިން އެތެރެކޮށްފައިވަނީ އަލުވި (6,135 ޕެކޭޖު)، ޓޮމާޓޯ (3,887 ޕެކޭޖު)، ކެބެޖް (2,721 ޕެކޭޖު)، ދޮންކެޔޮ (2,415 ޕެކޭޖު) އަދި އަނަނާސް (2,322 ޕެކޭޖު) އެވެ. މީގެ އިތުރުން ބަރަބޯ، ފަޅޯ، ބަށި، ކިއުކަމްބާ، މިރުސް އަދި ތަފާތު އެކި ވައްތަރުގެ މޭވާއާއި ތަރުކާރީގެ ޝިޕްމަންޓްތައް ވެސް ވަނީ ކްލިއާކޮށްފައެވެ.




