މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން މާލޭ ވިޔަފާރި ބަނދަރު (އެމް.ސީ.އެޗް) އާއި ތިލަފުށި ކާގޯ ޓާމިނަލް (ޓީ.ސީ.ޓީ) އާ ދެމެދު ކޮންޓެއިނަރ ބަދަލުކުރުމަށް ނަގާ އައު އަގުތަކެއް ތައާރަފުކޮށް، މިއަދުން ފެށިގެން އެ އަގުތަކަށް އަމަލުކުރަން ފަށައިފިއެވެ.
އެމް.ޕީ.އެލް އިން ކަނޑައަޅާފައިވާ އައު އަގުތަކަށް ބަލާއިރު، 20 ފޫޓުގެ ކޮންޓެއިނަރެއް ބަދަލުކުރުމަށް ނަގާނީ 1,500 ރުފިޔާއެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ބަދަލުކުރުމަށް ނަގާނީ 3,000 ރުފިޔާއެވެ. މި އަގުތަކަކީ ޖީ.އެސް.ޓީ ނުހިމަނައި ކަނޑައަޅާފައިވާ އަގުތަކެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އެމް.ޕީ.އެލް އިން ބުނި ގޮތުގައި މި އައު އަގުތައް ތައާރަފުކޮށްފައިވަނީ މިހާރު ކުރިއަށްދާ "ޕޯޓް މައިގްރޭޝަން ޕްރޮޖެކްޓް" ގެ ދަށުން، ތިލަފުށީގައި ބަނދަރުގެ އޮޕަރޭޝަންތަކާއި ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއްގެ ގޮތުގައެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މާލޭ ވިޔަފާރި ބަނދަރުން ދެމުންގެންދާ މުދާ އުފުލުމުގެ ހިދުމަތްތައް ތިލަފުށްޓަށް ބަދަލުކުރުމަށް މަގުފަހިކޮށްދީ، ތިލަފުށްޓަކީ މުދާ ހޭންޑްލްކުރާ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރުމަށް އެހީތެރިވެދިނުމެވެ.




