ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް މުދާ އެތެރެނުކުރާ މިންވަރަށް މިހާރު އިމްޕޯޓް އިތުރުވެ، އިގްތިސާދު ފުޅާވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، މެރިޓައިމް ދާއިރާގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުންނާއި ކަމާގުޅުންހުރި ފަރާތްތައް ބައިވެރިވި "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލޭ ވިޔަފާރި ބަނދަރަށް އެކަށީގެންވާ ޒަމާނީ ބަދަލުތަކާއި ކުރިއެރުން އައިސްފައި ނެތުންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބަނދަރު ގާއިމުކުރިތާ 40 އަހަރު ވެގެންދިޔައިރު، ބަނދަރު ބޮޑުކުރުމުގެ ވާހަކަ ދެއްކުން ފިޔަވައި އެކަމަށް އަމަލީ ހައްލެއް ގެނެވިފައި ނުވާކަން ފާހަގަކުރައްވައި، މި ސަރުކާރުން އެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރުގެ މަޝްރުއުގެ ތެރެއިން---
މި މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން މިހާރު ވަނީ 3 ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ކޮންސޯޓިއަމްއެއް އެކުލަވާލާފައެވެ. މިއީ ސަރުކާރުން މި މަޝްރޫޢަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށާއި، މި ބަނދަރު ނިމިގެންދާއިރު އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ދާއިރު، ފުރިހަމައަށް މަސައްކަތްކުރާ ޒަމާނީ ބަނދަރެއް ދިވެހި ވިޔަފާރިވެރިންނަށާއި ރާއްޖެއަށް ލިބިގެންދާނެ. މިއީ ރާއްޖޭގެ އިޤްތިޞާދު ވޭތުވެދިޔަ ގާތްގަނޑަކަށް ހަތަރު ދަހަރު (40 އަހަރު) ވަންދެން ހުއްޓިފައި، އެ ދާންވާ ދުވެލީގައި ނުގޮސް އޮތް އެންމެ ބޮޑު މައްސަލައަށް ލިބިގެންދާނެ ދާއިމީ ޙައްލު،"
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވަމުންދާ މިންވަރު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ގާތްގަނޑަކަށް 11 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުތައް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ މިންވަރު އިންތިހާއަށް އިތުރުވެ، މިހާރުގެ ބަނދަރުން މުދާ ކްލިއަރކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މިވަގުތު މި ވާހަކަ ދައްކާއިރު ވެސް ގާތްގަނޑަކަށް 3000 އެއްހާ ކޮންޓެއިނަރު ބަނދަރުގައި އެބަހުރި. ނަމަވެސް، އުފަލާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ އިއްޔެއަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ކޮންޓެއިނަރު ކާގޯ އެމްޕީއެލްއިން ކްލިއަރ ކުރަން ފެށި ދުވަސް. މިވަގުތު ވެސް 5000 އެއްހާ ކޮންޓެއިނަރު މާލޭ ބަނދަރުގައި ކްލިއަރ ކުރުމުގެ މަރުހަލާގައި އެބައޮތް،"
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް މުދާ އެތެރެނުކުރާ މިންވަރަށް އިމްޕޯޓް އިތުރުވެގެން ގޮސްފައިވަނީ ޤައުމީ އިޤްތިޞާދުގައި ބުންވަރު ޖެއްސުމަށްޓަކައި ދިވެހި ވިޔަފާރިވެރިން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދީ ދުވެލި މިހާރަށްވުރެ ހަލުވިކޮށް، އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ވަރުގަދަކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.




