ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގައުމީ "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭނުގައި ބައިވެރިވި ފުރަތަމަ ކުންފުނީގެ ޝަރަފާއެކު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށްގެންދިޔަ ތިން ދުވަހުގެ "އޭއައި އެސެންޝަލްސް: އަންޑަރސްޓޭންޑިންގ އެންޑް ވާކިންގ ވިތު އޭއައި" ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާ ގުޅިގެން ހިންގި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ސެޝަނަކާއި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ތަމްރީނުތަކުގައި އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މުވައްޒަފުންގެ ޑިޖިޓަލް ހުނަރުތައް އިތުރަށް ތަރައްގީކޮށް، ކުންފުނީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ އިތުރު އޭއައި ތަމްރީނުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
"ޑިޖިޓަލް ފޯރ އޯލް" އަކީ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން 2026 ވަނަ އަހަރުގެ ޖުލައި މަހު ފެށި، ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ކެމްޕޭނެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެއްލެވުމުގެ ދަށުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕޭން ހިންގަމުންދަނީ ފިއުޗަރ އިންސްޓިޓިއުޓާއި މައިންޑްކޯގެ ފަންނީ އެހީތެރިކަމާއެކުގައެވެ. މި ކެމްޕޭނުގެ މަގްސަދަކީ ކޮންމެ އަހަރަކު 75،000 މީހުން ހިމެނޭހެން، 2028 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 225،000 ރައްޔިތުންނަށް ޑިޖިޓަލް އަދި އޭއައިގެ އަސާސީ ހުނަރުތައް ދިވެހި އަދި އިނގިރޭސި ބަހުން މުޅިން ހިލޭ ދަސްކޮށްދިނުމެވެ.
"މޯލްޑިވްސް 2.0" އަކީ ރާއްޖެއަކީ ޑިޖިޓަލް ކަންކަމަށް އިސްކަންދޭ ޤައުމަކަށް ހެދުމަށް ސަރުކާރުން އެކަށައަޅާފައިވާ ފުޅާ ތަސައްވުރެކެވެ. މި ތަސައްވުރުގެ މައިގަނޑު އަމާޒަކީ ދައުލަތުގެ ހިދުމަތްތައް ޒަމާނީކުރުމާއި، ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރެއް ގާއިމުކުރުމުގެ އިތުރުން، ޖިއޮގްރަފީ ގޮތުން ރަށްތައް ވަކިވެފައި އޮތް އޮތުމަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ފުރުސަތުތައް ފަހިކޮށްދިނުމެވެ. އެމްޕީއެލް އިން މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަކީ، ރާއްޖޭގެ މުހިންމު ޢާންމު މުއައްސަސާތަކުގައި އަމަލީ ގޮތުން އޭއައި ބޭނުންކުރުމުގެ ހުނަރު އަށަގެންނެވުމަށް ކުރެވޭ ގައުމީ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.



