ތިލަފުށި ކާގޯ ޓާމިނަލަށް ފުރަތަމަ ފަހަރަށް ކޮންޓޭނަރު އުފުލާ ބޯޓެއް ކައިރިކޮށް، މުދާ ބޭލުމުގެ ތާރީޚީ އޮޕަރޭޝަން މިއަދު ފަށައިފިއެވެ. މި އޮޕަރޭޝަންގައި ހަރަކާތްތެރިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) ގެ "އެމް.އެސް.އެސް ގަލީނާ" ކޮންޓޭނަރު ވެސަލްއެވެ.
މި އުޅަނދުން ރާއްޖެއަށް ޖުމްލަ 524 ޓީ.އީ.ޔޫގެ މުދާ ގެނެސްފައިވާއިރު، އޭގެ ތެރެއިން 490 ޓީ.އީ.ޔޫ ބޭލުމަށް ހަމަޖެހިފައިވަނީ ސީދާ ތިލަފުށި ކާގޯ ޓާމިނަލަށެވެ.
ތިލަފުށީގައި މިފަދަ އޮޕަރޭޝަނެއް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ، އާންމުކޮށް އައު އަހަރާ ދިމާކޮށް އަދި ރޯދަމަހާ ހަމައަށް ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާތީއާއި، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ އައު ރިސޯޓުތައް ހުޅުވުމާ ގުޅިގެން މުދާ އެތެރެކުރާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ދުރާލާ ތައްޔާރުވުމެވެ. މީގެއިތުރުން، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދީ، ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމު ފަހިކޮށްދިނުމަކީވެސް މި ފިޔަވަޅުގެ މުހިންމު ބޭނުމެކެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ބާރަށް ކުރިއަށް އެބަދެއެވެ. އެގޮތުން، މި މަޝްރޫޢުގެ ދަށުން ތިލަފުށީގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރުގެ ކީވޯލް ހެދުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އިން ކުރަމުން އަންނައިރު، މި މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހަށް އެއްކޮށް ނިންމާލެވޭނެއެވެ.
އެމް.ޕީ.އެލްގެ މައިގަނޑު އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، މާލޭ ވިޔަފާރި ބަނދަރުގެ އެންމެހައި އޮޕަރޭޝަންތައް ފުރިހަމައަށް ތިލަފުއްޓަށް ބަދަލުކޮށް ނިންމުމެވެ.




