ފެނަކަ ކޯޕަރޭޝަން , ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށަށް ގެނައުމުގެ އިންތިޤާލީ މަރުޙަލާ ނިމުމަކާ ހަމައަށް އަންނަމުންދާއިރު، އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރ މުޙައްމަދު ނިޒާމް ފެނަކަގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ޢައްޔަންކުރެވިފައިވާކަން ފެނަކައިން މިއަދު ހާމަކޮށްފިއެވެ.
މުޙައްމަދު ނިޒާމަކީ 2010 އިން ފެށިގެން އެސްޓީއޯގައި ޚިދުމަތްކުރަމުން އަންނަ، މިހާރު ޗީފް ފައިނޭންޝަލް އޮފިސަރ އަދި އެގްޒެކެޓިވް ޑައިރެކްޓަރގެ މަޤާމު އަދާކުރަމުންދާ ތަޖުރިބާކާރު އިސްވެރިއެކެވެ. އޭނާގެ ފުޅާ ތަޖުރިބާއާއި ހުނަރުވެރިކަމުގެ ސަބަބުން ފެނަކަގެ މާލީ ޙާލަތު ރަނގަޅުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، އެސްޓީއޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝިމާދު ފެނަކަގެ ޗެއަރމަންގެ މަޤާމަށް ވަނީ ޢައްޔަންކުރެވިފައެވެ. މި ބަދަލުތަކާއެކު، އެސްޓީއޯގެ ވަރުގަދަ ހިންގުމުގެ ބާރު ފެނަކައަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އެސްޓީއޯއަކީ ހާމަކަން ބޮޑު އަދި ހަރުދަނާ ހިންގުމުގެ އުސޫލުތަކެއް ގެންގުޅޭ، ކޯޕަރޭޓް ގަވަރނަންސްގައި އެންމެ މަތީ މާކްސް ލިބިފައިވާ ކުންފުންޏެކެވެ. މި ސަބަބުތަކާހުރެ، ފެނަކަ އެސްޓީއޯގެ ދަށަށް ގެނައުމުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ފެނަކަ އެސްޓީއޯގެ ދަށަށް ގެނައުމުގެ ސަބަބުން، ހަރުދަނާ ހިންގުމުގެ އުސޫލުތަކުގެ މަންފާ ލިބި، އިސްރާފު މަދުވެ، ޚަރަދު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ފެނަކައަކީ ހަލުވިކަމާއެކު ނަތީޖާ ނެރެވޭ ޚިދުމަތަކަށް ވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ނިޒާމްގެ ޤާބިލު ލީޑަރޝިޕްގެ ދަށުން، ފެނަކައިގެ މާލީ މެނޭޖްމަންޓް ހަރުދަނާވެ، ކުންފުނީގެ ފައިދާ އިތުރުކުރުމަށް މަގުފަހިވާނެއެވެ. މި ބަދަލުތަކާއެކު، ފެނަކައިގެ ޚިދުމަތްތައް އިތުރަށް ރަނގަޅުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ.









