މި އަހަރުގެ ނޮވެމްބަރު 12 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު 36 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ ފައިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 33.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.0 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ލިބުނު ފައިދާ 61.3 އިންސައްތަ އިތުރުވެ، 1.1 ބިލިއަން ރުފިޔާއަށް އެރުމެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދައިދިނީ އެމްޑަބްލިއުއެސްސީ އިން ލިބުނު 572.7 މިލިއަން ރުފިޔާއިންނެވެ. މީގެއިތުރުން ޓެކްސް އާމްދަނީވެސް 10.3 އިންސައްތައިގެ ކުރިއެރުމަކާއެކު 27.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ޓެކްސްގެ ތަފްސީލަށް ބަލާއިރު، ޖީއެސްޓީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ، ވިޔަފާރިއާއި މުދަލުގެ ޓެކްސްގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ، އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.0 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދު 14.9 އިންސައްތަ އިތުރުވެ 39.8 ބިލިއަން ރުފިޔާއަށް ލިބިފަވެއެވެ. މީގެ ތެރެއިން ހިންގުމުގެ ހަރަދަށް 34.3 ބިލިއަން ރުފިޔާ ހޭދަވި އިރު، ސަބްސިޑީއަށް ކުރި ހަރަދު 51.2 އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް އަރައި، އެއީ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނު ކަންތައް ކަމުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހަރަދުތައް އިތުރުވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވިއެވެ. މިއީ މިދިޔަ އަހަރުގެ 1.3 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ ބޮޑު އަދަދެކެވެ. ނަމަވެސް، ދަރަންޏަށް ދެއްކި އިންޓްރެސްޓާއި ފައިނޭންސިންގ ހަރަދު 2.4 އިންސައްތަ ދަށްވެ 4.2 ބިލިއަނަށް ތިރިވެފައިވާތީ، އެ ހަރަދުތައް ނުހިމަނައި ބަލާއިރު ދައުލަތަށް 360.0 މިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ވަނީ ލިބިފައެވެ.




