ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މުބީން އެ މަގާމުން އިސްތިއުފާ ދެއްވިއިރު، އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އޭނާ އެ ކުންފުނިން ވަކިވެވަޑައިގަންނަވާތީ، ކުންފުނީގެ މުވައްޒަފުން ވަނީ އޭނާއަށް ފެއާވެލްއެއް ވެސް މި މަހު ބާއްވައިފަ އެވެ. އަދި އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ހިއްސާކުރި ޕޯސްޓުތަކުގައި ވަނީ އޭނާ އެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، އެމްއޭސީއެލް އާއި އާރުސީއެލް އެއްކޮށްލުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އާރުސީއެލް، އެމްއޭސީއެލްއާ އެއްކޮށްލަން ނިންމާފައި ވަނީ އެ ކުންފުންޏަށް ފައިދާ ނުވާތީ އެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު 95 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.