ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ހާއްސަ ގަރާރަކުން އުފެއްދެވި "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ބޯޑަށް މެންބަރުން އައްޔަންކުރައްވާފިއެވެ.
މި ކުންފުނީގެ ޗެއަރޕާސަންގެ މަގާމަށް އައްޝައިހް އިއްޒަދީން އަދުނާން އައްޔަންކުރައްވާފައިވާއިރު، މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ޔާމީން އިދުރީސްއެވެ. މީގެއިތުރުން ބޯޑު މެންބަރުންގެ ގޮތުގައި ހުސައިން ޝާމް އާދަމް، ޑރ. މުހައްމަދު ޝުޖާއު، މަރްޔަމް ނިހާޔަތު، ޢަބްދުﷲ އަލީ އަދި މުހައްމަދު ހިލްމީ ވަނީ ހަމަޖައްސަވާފައެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަފުގުތައް ބިނާކުރުމަށާއި، އެފަދަ ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމަށް އުފެއްދެވި ސަރުކާރުގެ ކުންފުންޏެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވާ ގޮތުން މި ކުންފުނީގެ ރައުސްމާލަކީ 100 ރުފިޔާގެ 1،000،000 ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100 މިލިޔަން ރުފިޔާއެވެ. އަދި ކުންފުނީގެ ދަރަންޏަށް ސަރުކާރުން ޒިންމާވާނީ ކަނޑައަޅާފައިވާ ރައުސްމާލުގެ ތެރެއިން ދައްކާފައިނުވާ މިންވަރަކަށް ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރުން މިހާރު ވަނީ ކުންފުނި އުފެއްދުމުގެ ގާނޫނީ އިންތިޒާމުތައް ފުރިހަމަކޮށް، ކުންފުނި ހިންގުމަށް ބޭނުންވާ މަތީ ފަންތީގެ ބޯޑާއި މެނޭޖްމަންޓް އެކުލަވާލުމުގެ މަސައްކަތް ފުރިހަމައަށް ނިންމާފައެވެ. މިއީ ދީނީ ކަންކަމަށް ދާއިމީގޮތެއްގައި އާމްދަނީ ހޯދޭނެ އިންތިޒާމެއް ގާއިމުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ކުންފުނިން ކުރިއަށްއޮތް ތަނުގައި ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުން ހިމެނެއެވެ. މީގެއިތުރުން، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކުރުމާއެކު، އިސްލާމީ ޝަރީއަތް ހުއްދަކުރާ ދެމެހެއްޓެނިވި ވިޔަފާރި ހަރަކާތްތައް ހިންގުމަށް ރޭވިފަވެއެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، މި ކުންފުނި ވެގެންދާނީ ޒަމާނީ އުސޫލުތަކަށް މިސްކިތްތަކާއި ވަގުފު އިމާރާތްތައް ބިނާކޮށް ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ކުންފުންޏަށެވެ.
މި މަޝްރޫއުތައް ފުރިހަމައަށް ހިންގާ ގާއިމުކުރެވުމުން، ދީނީ ކަންކަމަށް ކުރެވޭ ހޭދަތައް އިތުރުވެ، އިސްލާމީ ޝަރީއަތާ އެއްގޮތަށް ވިޔަފާރި ފުޅާކުރުމުގެ ބޮޑެތި ފުރުސަތުތަކެއް ރާއްޖޭގައި ހުޅުވިގެންދާނެއެވެ. މިއީ މުޅި ގައުމުގެ އިސްލާމީ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް، ދީނީ ކަންކަމަށް ކުރެވޭ ހޭދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.




