އިސްލާމްދީނަކީ އިންސާނާއަށް ރިވެތި އަހުލާގާއި މާތް ސުލޫކު އުނގަންނައިދެއްވުމަށް މާތް ﷲ ބާވައިލެއްވި ދީންކަމަށާއި، ތަހުޒީބާއި ކުރިއެރުމުގެ ހަގީގޫ މިންގަނޑަކީ ރިވެތި އަހުލާގު ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
"އިސްލާމް ދީނަކީ ރިވެތި އަހުލާގުގެ ދީން" މި މަޢުޟޫޢަށް ހާއްސަކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ކީރިތި ރަސޫލާ ﷺ ރަސޫލުކަމާއިގެން ފޮނުއްވުމުގެ އެންމެ މައިގަނޑު އެއް މަގްސަދަކީ މާތް، މަތިވެރި އަޚުލާޤު ފުރިހަމަކުރެއްވުމެވެ. އަދި ހެޔޮކަމުގެ މީޒާނުގައި ރިވެތި އަޚުލާޤަށް ވުރެ ބަރުދަން ބޮޑު އެހެން އެއްވެސް ކަމެއް ނުވާކަމަށް ޙަދީޘްފުޅުތަކުން ސާބިތުވާކަން ހުތުބާގައި ބަޔާންކުރިއެވެ.
މީގެ އިތުރުން، އިސްލާމީ އަހުލާގުގެ އެންމެ މުހިންމު އެއް ތަނބަކީ ކެތްތެރިކަން ކަމުގައި ހުތުބާގައި ބުންޏެވެ. ދިރިއުޅުމުގައި ކުރިމަތިވާ އެކި ކަހަލަ ތަކުލީފުތަކާއި، ބަލިމަޑުކަމާއި، މާލީ ދަތިތަކަކީ މާތް ﷲ ގެ އިމްތިޙާނުތަކެއް ކަމަށާއި، މިފަދަ ހާލަތްތަކުގައި އެހެން މީހުންނާ މެދު ކުށްހީތައް ނުކޮށް، ކެތްތެރިކަން އިސްކުރުމަށް ގޮވައިލިއެވެ. ހަމައެއާއެކު، ދަތި ހާލަތްތަކުގައި ވެސް އެހެން މީހުންގެ މުދަލަށް އަރައިގަތުމާއި ވައްކަން ކުރުން ފަދަ ނުރައްކާތެރި ފާފަތަކުން ދުރުހެލިވާންޖެހޭނެ ކަމަށް ހަނދާންކޮށްދިނެވެ.
މުއާމަލާތުކުރުމާއި ވާހަކަދެއްކުމުގައި މަޑުމައިތިރިކަން އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލަމުން، ފިރުއައުނު ފަދަ ބޮޑާ، އަނިޔާވެރިއެއްގެ ގާތަށް މޫސާގެފާނާއި ހާރޫނުގެފާނު ފޮނުއްވި ހިނދުވެސް މަޑުމައިތިރިކަމާއެކު ބަސްމޮށުމަށް މާތް ﷲ އަމުރުކުރެއްވި އިބުރަތްތެރި ހާދިސާ ހުތުބާގައި ފާހަގަކުރިއެވެ. އަދި މާތް ނަބިއްޔާ ﷺ ގެ އަރިހުގައި ހިދުމަތްކުރެއްވި އަނަސްގެފާނުގެ ބަސްފުޅުން މިސާލު ނަގައި، ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނާއި މުވައްޒަފުންނާ މެދު އޯގާތެރިކަމާއެކު މުއާމަލާތުކުރުމަށް ނަސޭހަތްތެރިވިއެވެ.
ހުތުބާ ނިންމައިލަމުން ފާހަގަކުރި ގޮތުގައި، ގައުމެއް ޢިލްމާއި، ޓެކްނޮލޮޖީއާއި، އިގްތިސާދީ ގޮތުން ކިތަންމެ ކުރިއަރައި ދިޔަކަމުގައި ވިޔަސް، އެ ބައެއްގެ ކިބައިގައި ރިވެތި އަހުލާގެއް ނެތް ނަމަ، އެއީ ހާގީގީ ކުރިއެރުމެއް ކަމުގައި ނުބެލެވޭނެއެވެ.





