އާއިލީ ގުޅުންތައް ބަދަހިކޮށް، އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ދަރިން ތަރުބިޔަތުކުރުމަކީ މުޅި މުޖުތަމައުގެ އިސްލާހަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، މުޖުތަމައުގެ އަހުލާގީ ފެންވަރު ދުވަހުން ދުވަހަށް ދަށްވެ، އާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، މިކަމުގެ އެންމެ ބޮޑު ސަބަބަކީ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި ދެވޭ ތައުލީމެވެ. ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީ ކަމަށާއި، އެ ކުއްޖަކު ބައްޓަންވެގެންދަނީ މައިންބަފައިންދޭ ތަރުބިޔަތާއި ގެންގުޅޭ ގޮތެއްގެ މައްޗަށްކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.
އިސްލާމްދީނުގައި ދަމަހައްޓަން އަންގަވާފައިވާ އެންމެ މުހިންމު އެއް ގުޅުމަކީ ރަހިމުގެ ގުޅުންކަން ފާހަގަކުރައްވަމުން، ހުތުބާގައި ވަނީ ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުގު ތަނަވަސްވެ، އުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ، ސުވަރުގެއިން މަހްރޫމުވެގެންދާނެ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ހަގީގީ ގުޅުން ދަމަހައްޓާ މީހަކީ އަނެކާ ގުޅުން ބޭއްވުމުން އެކަނި ބަދަލުދޭ މީހާ ނޫން ކަމަށާއި، ގުޅުން ކެނޑިގެންދާ ހިނދުގައިވެސް އިސްނަގައިގެން އެ ގުޅުން ދަމަހައްޓާ މީހާ ކަމަށް ބަޔާންކުރެއްވިއެވެ.
ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށް، ދީނީ ކަންކަމަށް ލޯބިޖެއްސުމަކީ މައިންބަފައިންގެ މައްޗަށް އޮތް ބޮޑު ވާޖިބެއްކަން ފާހަގަކުރައްވަމުން، ޅަފަތުގައި ނަމާދަށް އަހުލުވެރިކުރުވުމަށާއި އިސްލާމީ ރީތި އަދަބުތައް ދަސްކޮށްދިނުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
ހުތުބާ ނިންމަވާލައްވަމުން، އެންމެހައި މުސްލިމުންނަކީ ރަހިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުންތައް ދަމަހައްޓާ، ގާތްތިމާގެ މީހުންގެ ހާލުބަލައި ހެޔޮފޯރުވާ ބަޔަކު ކަމުގައި ލެއްވުމަށާއި، ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމުގެ ތައުފީގު ދެއްވުން އެދި ދުއާކުރެއްވިއެވެ.





