މުދަލަކީ މާތް ﷲ އިންސާނާއާ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، އެ މުދާ ހޯދައި ހޭދަކުރުމުގައި އިސްލާމީ ހަމަތަކަށް ތަބާވެ، މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފި އެވެ.
ހުތުބާގައި ބުނިގޮތުގައި، މާތް ﷲ އިންސާނުންނަށް ދެއްވި މަތިވެރި ނިއުމަތްތަކުގެ ތެރޭގައި މުދާ ހިމެނޭއިރު، ގިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން ސުވާލުކުރައްވާނެއެވެ. އެހެންކަމުން މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމަށާއި، ދަހިވެތިނުވެ މެދުމިންކަން ހިޔާރުކުރުމަކީ މުދަލުގައި ބަރަކާތް ލައްވާނެ ސަބަބެއް ކަމަށްށާއި އަދި ހަޔާތުގައި ދިމާވާ އެކި ހާލަތްތަކަށް ވިސްނައި، ފަހަށް ރައްކާކުރުމުގެ މުހިންމުކަން ވެސް ހުތުބާގައި ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، ބޭނުމެއް ނެތި ނުވަތަ އަދާކުރެވޭނޭ ގޮތެއް ނެތި ދަރަނި ނެގުމުން ދުރުހެލިވުމަށާއި، ރިބާގެ އެންމެހައި މުއާމަލާތްތަކުން އެއްކިބާވުމަށް ހުތުބާގައި ގޮވާލި އެވެ. އަދި އާއިލާއަށާއި އަނބިދަރީންނަށް ކުރަންޖެހޭ ހަރަދުތައް ފުރިހަމައަށް ކުރުމަކީ ވާޖިބެއް ކަމަށާއި، އެއީ ސަވާބު ލިބޭ އަޅުކަމެއް ކަމުގައި ހުތުބާގައި ބުންޏެވެ.
ހާއްސަކޮށް މާލީ މުއާމަލާތްތައް ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، ވިޔަފާރީގެ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަކީ އީމާންކަމުގެ މަތިވެރި ސިފައެއް ކަމުގައި ހުތުބާގައި ފާހަގަކުރި އެވެ. އަދި ތެދުވެރި، އަމާނާތްތެރި ވިޔަފާރިވެރިޔާ ގިޔާމަތްދުވަހު ވާހުށީ ނަބިއްޔުންނާއި ސިއްދީގުންނާއި ޝަހީދުންނާ އެކުގައިކަން ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅުން އައިސްފައިވާކަން ހުތުބާގައި ވަނީ އަލިއަޅުވާލާފަ އެވެ.
ހުތުބާ ނިންމަވާލައްވަމުން ވަނީ، މާތްވެގެންވާ މައްކާއާއި މަދީނާގެ ހުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ އަނިޔާވެރި އުދުވާނީ ހަމަލާތަކާއި އިންޒާރުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ ދެ ހަރަމްފުޅަކީ ގިޔާމަތާ ހަމައަށް ހުރުމަތްތެރިވެގެންވާ މުގައްދަސް ދެ ބިން ކަމަށާއި، އެ ތަންތަނަށް ދެވޭ ކޮންމެ ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ލިބޭ ފުން ހިތާމައެއް ކަމުގައި ހުތުބާގައި ފާހަގަކުރި އެވެ.




