މާތް ﷲ ދެއްވާފައިވާ ގުނައި އަދަދުނުކުރެވޭހައި ގިނަގުނަ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ، މުޖުތަމައުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި، އިސްލާމްދީން ބާރުއަޅާ އެންމެ މުހިންމު އެއް ސިފަކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ.
"ނިއުމަތްތަކަށް ޝުކުރުވެރިވުން" މި މައުލޫއަށް މިއަދު އިއްވި ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ﷲގެ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ މަތިވެރިވަންތަކަމަށް އެއްބަސްވެ، އެ ނިއުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ މަގުގައި ބޭނުންކުރުމެވެ. މިއީ އަޅާގެ ދީނާއި ދުނިޔެއަށް ހެޔޮކަން ގެނެސްދޭ، އަދި ނަބީބޭކަލުންގެ ކިބައިން ފެންނަން އޮތް ވަރަށް މަތިވެރި އަޅުކަމެއްކަން ކީރިތި ގުރުއާނުގެ އާޔަތްތަކުން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. އެގޮތުން އިބްރާހީމްގެފާނާއި، ސުލައިމާންގެފާނު އަދި މޫސާގެފާނު ފަދަ ބޭކަލުން ނިއުމަތްތަކަށް ޝުކުރުވެރިވެވަޑައިގެންނެވި ގޮތް ބަޔާންކުރެއްވިއެވެ.
މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރުން، އިންސާނުން އެކަކު އަނެކަކަށް ފޯރުކޮށްދޭ ހެޔޮކަންކަމަށް ޝުކުރުއަދާކުރުމަކީ އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމެއްކަން ވެސް ހުތުބާގައި ފާހަގަކުރެއްވިއެވެ. ހާއްސަކޮށް މައިންބަފައިންގެ ހެޔޮކަން ހަނދާންކޮށް ޝުކުރުވެރިވުމާއި، މީސްތަކުންގެ އެހީތެރިކަމުގެ އަގުވަޒަންކޮށް ހެޔޮ ދުއާކުރުމަކީ ކީރިތި ރަސޫލާގެ މަތިވެރި ސިޔަރަތުން ނަމޫނާ ލިބިގެންވާ ކަންކަމެވެ. މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ، ﷲއަށް ޝުކުރުވެރިއެއްނުވާނެކަން ކީރިތި ރަސޫލާގެ ހަދީސްފުޅުން ސާބިތުވާކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.
ހުތުބާ ނިންމަވާލައްވަމުން ބުނީ، ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓޭނީ ދުނިޔަވީ ކަންކަމުގައި ތިމާއަށް ވުރެ ދަށުގައިވާ މީހުންނަށް ބަލައި، އިސްރާފުކުރުމާއި ބޮޑާކަމުން ދުރުހެލިވެގެން ކަމަށެވެ. އަދި ނިއުމަތްތައް ދެމިއޮތުމާއި އިތުރުވުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށްވާތީ، ހިތާއި ދުލާއި ގުނަވަންތަކުން ޝުކުރުވެރިވުމުގެ މަތިވެރި ސިފަ ދެމެހެއްޓުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.





