އިންސާނާގެ ގަދަރާއި އަބުރާއި އިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަގުސަދުގެ ތެރެއިން ހިމެނޭ އެންމެ މުހިންމު އެއް މަގުސަދުކަމަށް، މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުތުބާގައި އަލިއަޅުވައިލައްވާފައިވަނީ "މުސްލިމުންގެ އަބުރާއި އިއްޒަތް" މި މައުޟޫގެ މައްޗަށެވެ. ކީރިތި ރަސޫލާ ﷺ ހައްޖަތުލްވަދާއުގެ ހުތުބާގައި، މުސްލިމުންގެ ލެޔާއި، މުދަލާއި، އަބުރާއި، ހަށިތަކުގެ ހުރުމަތްތެރިކަން، މައްކާއާއި ޛުލްހިއްޖާ މަހުގެ ހުރުމަތްތެރިކަމާ އެއްހަމައެއްގައި ބަޔާންކުރައްވައިފައިވާކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.
ހުތުބާގައި ބަޔާންކުރެއްވި ގޮތުގައި، ޖިސްމާނީ ގޮތުން މީހަކަށް ދެވޭ އަނިޔާއަށްވުރެ، މީހެއްގެ އަބުރު ކަތިލުމުން އޭނާގެ ހިތާއި ނަފުސަށް ލިބޭ ވޭނާއި ހިތާމަ މާބޮޑެވެ. އަދި އަބުރު ގެއްލުވައިލުމުން މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލި އިޖުތިމާއީ ފޭރާން ވީދިގެންދާކަމަށް ވިދާޅުވިއެވެ. ޖަނަވާރުންނަށް އޯގާތެރިވުމުން ވެސް ފާފަފުއްސެވުމާއި ސަވާބު ލިބޭއިރު، މާތް ﷲ މާތްކުރައްވާފައިވާ އާދަމުގެ ދަރިއެއްގެ އަބުރު ކަތިލުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށާއި، ﷲގެ ހަޟުރަތުގައި މުއުމިނެއްގެ ހުރުމަތް، ގެފުޅުގެ ހުރުމަތަށްވުރެ ވެސް މަތިވެރިވެގެންވާކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.
މީސްމީހުންގެ އަބުރު ރައްކާތެރިކުރުމުގެ ގޮތުން އިސްލާމްދީނުގައި ވަނީ ސަރީހަ ހުދޫދުތަކެއް ކަނޑައަޅުއްވައިފައެވެ. އެގޮތުން ހަތަރު ފިރިހެނުންގެ ހެކިބަސް ނެތި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ، އެމީހެއްގެ ގައިގައި އަށްޑިހަ އެތިފަހަރުން ހައްދުޖެހުމާއެކު، އޭނާއަކީ ފާސިގެއްގެ ގޮތުގައި ބެލެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި މީހުންނާމެދު ގޯސްކޮށް ހީކުރުމާއި، ޒާތީ ކަންކަން ބަލައި ޖާސޫސްކުރުމާއި، ޣީބަބުނުން ވަނީ މުޅިން ހަރާމްކުރައްވައިފައެވެ.
މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް މެދުވެރިކޮށް، ތެދުދޮގު ނުބަލައި މީހުންގެ އަބުރު ކަތިލުމާއި ފަޟީހަތްކުރުން އާންމުވެފައިވާތީ ހުތުބާގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އިވޭހައި ވާހަކައެއް ތެދުދޮގު ނުބަލައި ފެތުރުމަކީ ދޮގުހެދުން ކަމުގައި ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާފައިވާކަމާއި، މީސްތަކުން ނަރަކައަށް ވަންނަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ދުލުގެ އާފަތްތައް ކަމުގައި ވިދާޅުވިއެވެ.
ހުތުބާ ނިންމަވާލައްވަމުން، އެހެން މީހުންގެ އަބުރަށް އަރައިގަތުމުން ދުރުހެލިވުމުގެ އިތުރުން، އަމިއްލަ ނަފުސާމެދު މީހުން ޝައްކުކުރާނެ ފަދަ ކަންކަމުންނާއި މަގުތަކުން ދުރުހެލިވެ، އަމިއްލަ އަބުރު ރައްކާތެރިކުރުމަށް އިސްލާމްދީން އިރުޝާދުދޭ ކަމަށް ވިދާޅުވިއެވެ. އަދި ތިމާގެ ދޫ ރައްކާތެރިކޮށް، މުސްލިމް އަހުންގެ އަބުރާއި އިއްޒަތަށް އިހްތިރާމްކުރުމަކީ ސުވަރުގެއަށް ވާސިލުވުމަށް އޮތް އެންމެ މުހިންމު މަގުކަން ހަނދާންކޮށްދެއްވިއެވެ.





