ފާހިޝު އަދި ބަދުއަހުލާގީ އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށާއި، މި ކަމުގައި މައިންބަފައިންނާއި، މުދައްރިސުން އަދި މުއައްސަސާތަކުގެ ޒިންމާ ބޮޑުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
"ފާހިޝު އަމަލުތަކާ ދުރުހެލިވާށެވެ!" މި މައުލޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނުގައި ފާހިޝު ކަންކަމަކީ ބަހާއި އަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކަންކަމެވެ. އަދި ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް މިފަދަ ކަންކަން ކުރުމަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަމެކެވެ. މީގެ އިތުރުން މުއުމިނުންގެ ތެރޭގައި ފާހިޝު ކަންކަން ފެތުރުމަށް މަސައްކަތްކުރާ މީހުންނަށް ދެ ދުނިޔޭގައި ގަދަފަދަ އަޒާބު ހުރިކަން ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުން ފަދަ ނުބައި އަމަލުތަކުގެ ސަބަބުން ނުރައްކާތެރި ބަލިމަޑުކަން ފެތުރިގެންދެއެވެ. އެގޮތުން އެޗްއައިވީ ވައިރަހާއި އެއިޑްސް ބައްޔާއި، ފުރަމެޔަށް ޖެހޭ ނުރައްކާތެރި ބަލިތައް މިއަދު ދުނިޔޭގައި އެންމެ ގިނައިން ފެތުރެމުންދަނީ މިފަދަ ފާހިޝު އަމަލުތައް ހިންގާ މީހުންގެ މެދުގައެވެ. އަދި މިފަދަ އަމަލުތައް ހިންގި ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ﷲ ފޮނުއްވި އަޒާބުން އިބުރަތް ހާސިލުކުރުމަށް ވެސް ހުތުބާގައި ގޮވާލާފައިވެއެވެ.
މިއަދުގެ ދުނިޔޭގައި ވިޔަފާރީގެ އުސޫލުން އެކިއެކި މަންސަތަކުގައި އަގުތައް ޖަހައިގެން ފާޅުގައި ފާހިޝު އަމަލުތައް ހިންގަމުންދާކަން ހުތުބާގައި ފާހަގަކުރިއެވެ. އަދި މި ވަބާއިން ގައުމު ސަލާމަތް ނުކުރެވިއްޖެނަމަ، ޖިންސީ ގޮތުން ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެ، މުޅި ރާއްޖެ ސިއްހީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.
އިންސާނާގެ ޣަރީޒާތަކަށް އިޖާބަދިނުމުގައި އިސްލާމްދީން ހުއްދަކުރައްވާފައިވާ ކައިވެނީގެ މަގު އިހުތިޔާރުކުރުމަށް ބާރުއަޅަމުން ހުތުބާގައި ބުނީ، ކައިވެނިކުރުމުގެ ތަނަވަސްކަން ނެތް ޒުވާނުންނަށް މުޖުތަމައުގެ ތަނަވަސް މީހުން އެހީތެރިވާންޖެހޭ ކަމަށެވެ. އަދި ކައިވެނި ކުރުމަށް ކުޅަދާނަކަން ނެތް މީހުން، ރޯދަހިފައިގެން އެދުންތައް ކޮންޓްރޯލްކޮށް، ފާހިޝު ކަންކަމުން ރައްކާތެރިވުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާކަން ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ހުތުބާ ނިންމާލަމުން ވަނީ، ދުނިޔޭގެ އަރާމަކީ ވަގުތީ އެއްޗެއްކަން ދަނެ، މާތް ﷲ ގެ ހައްދުގެ ތެރޭގައި އުޅުމަށާއި، ކީރިތި ގުރުއާނާއި ކައު އިތުރު ރަސޫލާގެ ސުންނަތުގައި ހިފަހައްޓައިގެން ތެދުމަގުގައި ސާބިތުވެ ތިބުމަށް އެންމެހައި މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ.






