ހަގީގީ މުސްލިމަކީ ކޮންމެ ފަދަ ގުރުބާނީއެއް ވާން ޖެހުނަސް، ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނު ކަމުގައި ވިޔަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "އިސްލާމްދީނުގެ މަތިވެރި ނިއުމަތް" މި މައުޟޫއުގެ މައްޗަށެވެ.
ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނަކީ މާތް ﷲ އިންސާނުންނަށްޓަކައި އިހުތިޔާރުކުރައްވައި ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީނެވެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި އިންސާނާގެ ކާމިޔާބީ ގުޅިފައިވަނީ މި މާތް ދީނުގެ އުސޫލުތަކާ ކަމަށާއި، ގިޔާމަތާ ހަމައަށް އިންސާނިއްޔަތަށް އޮތް ހަމައެކަނި މަގަކީ ވެސް މިއީ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިއަދު ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، ޝަރުއީ އިންތަކުން ބޭރުވެ، ބީރައްޓެހި ސަގާފަތްތަކާއި ނުރަނގަޅު އަހުލާގީ މިންގަނޑުތަކަށް ތަބާވަމުންދާ ދިއުމާމެދު ހުތުބާގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދީނުގައި ސާބިތުވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އިސްލާމީ ތާރީހުން ސަހާބީން ދެއްކެވި މަތިވެރި މިސާލުތައް ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. އެގޮތުން، ކީރިތި ރަސޫލާގެ މުއައްޛިން ބިލާލް رَضِيَ الله عَنْهގެ މޭފުޅުމައްޗަށް ބޮޑެތި ހިލަތައް އަރުވައި އަނިޔާކުރި ހިނދުވެސް، އެކަލޭގެފާނު "أَحَدٌ أَحَدٌ" އޭ ވިދާޅުވެ ދީނުގައި ސާބިތުވެވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ. އަދި ހައްބާބު ބިން އަލްއަރައްތު رَضِيَ الله عَنْه އަލިފާންގަނޑު މަތީގައި ދަމައި އަނިޔާކުރެއްވި ނަމަވެސް، އެކަލޭގެފާނުވެސް ދީން ދޫނުކުރައްވައި ހިފެހެއްޓެވިކަމާއި، އެތައް ސަތޭކަ ސަހާބީންނެއް ދީނުގެ ހައްގުގައި ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި ވާހަކަ ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، މުސްލިމުންގެ ޢިއްޒަތާއި ގަދަރު ބިނާވެގެންވަނީ އިސްލާމްދީނުގެ މަތީގައި ކަން ހަނދާންކޮށްދެއްވަމުން، އަމީރުލްމުއުމިނީން އުމަރުގެފާނުގެ ބަސްފުޅަކާ ހަވާލާދެއްވައި ހުތުބާގައި ބުނީ، އިސްލާމްދީން ނޫން އެހެން ކަމަކުން އިއްޒަތް ހޯދަން އުޅެފިނަމަ މާތް ﷲ އަހަރެމެން ނިކަމެތިކުރައްވާނެ ކަމަށެވެ. އަދި މުސްލިމުން ދީނާ ދުރުހެލިވާ ހިނދު ދުޝްމަނުންގެ ބާރު އެބައިމީހުންގެ މައްޗަށް ގަދަވާނެ ކަމަށާއި، އަލުން އާރާއި ބާރު ލިބޭނީ ގުރުއާނާއި ސުންނަތަށް ރުޖޫއަވެގެން ކަމަށްވެސް ބަޔާންކުރިއެވެ.
ހުތުބާ ނިންމަވާލައްވަމުން، ލިބިފައިވާ މަތިވެރި އިސްލާމްދީނުގެ ނިއުމަތަށް ޝުކުރުވެރިވެ، ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި، ގޭތެރޭގައާއި ބާޒާރުތަކުގައި އަދި މަޖިލިސްތަކުގައިވެސް އިސްލާމީ ރީތި އުސޫލުތައް ދައްކުވައިދިނުމަށް ނަސޭހަތްތެރިވިއެވެ. އަދި ޝިރުކާއި، ބިދުއަތަކުން ދުރުހެލިވެ، ހިތާއި ބަހާއި އަމަލުން ﷲއަށް ފުރިހަމައަށް ކިޔަމަންގަނެ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް އެހީތެރިވެ ވާގިވެރިވާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް ވަނީ ގޮވާލައްވާފައެވެ.




