މުޖުތަމައު އިސްލާހުކުރުމަކީ ވަކި ބައެއްގެ ކަމެއް ނޫން ކަމަށާއި، އެއީ އެންމެހައި ފަރުދުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "މުޖުތަމައު އިސްލާހުކުރުން، އެންމެންގެ ޒިންމާ" މި މައުޟޫއަށެވެ.
ހުތުބާގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، އެމީހުން މުސްކުޅިވާ ދުވަހު އަޅާލުމުގެ މުހިންމުކަމުގެ މައްޗަށެވެ. މައިންބަފައިންނަށް އިހުސާންތެރިވުމަކީ މާތް ﷲ ގެ މަތިވެރި ވަސިއްޔަތެއްކަން ފާހަގަކުރައްވައި، މައިންބަފައިންނަށް ނުކިޔަމަންތެރިވެ، އެމީހުން އުމުރުން ދުވަސްވާ ދުވަހު ހޮސްޕިޓަލްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކަށް ދޫކޮށްލުމުގެ ނޭދެވޭ އާދަ މުޖުތަމައުން ނައްތާލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މައިންބަފައިންގެ ރުހުމާއި ހެޔޮ ދުއާއަކީ ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަމުގެ ތަޅުދަނޑިކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، ނަމާދުން ފައިބައިގެން މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ ޣީބަބުނުމާއި، ނެތިމޮށުމާއި، ޖަދަލުކުރުން ފަދަ ނޭދެވޭ އަމަލުތަކުން ދުރުހެލިވެ، މިސްކިތްތަކުގެ ހުރުމަތް ދެމެހެއްޓުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުގެ އަލީގައި، މުސްލިމުން އެކަކު އަނެކަކަށް ހަސަދަވެރިނުވެ، ރުޅިވެރިކަމެއް ނެތް، އިސްލާމީ ރޫހީ އަހުވަންތަކަމެއް މުޖުތަމައުގައި ގާއިމުކުރުމުގެ މުހިންމުކަން ވެސް ހުތުބާގައި ފާހަގަކުރެއްވިއެވެ.
ވިޔަފާރީގެ މައިދާނުގައި ތެދުވެރިވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ހުތުބާގައި ވިދާޅުވީ، މަކަރާއި ހީލަތްހެދުމާއި، ޒަކާތް ނުދައްކައި މުދާ ހަޒާނާކުރުމަކީ މާތް ﷲ ގެ ބަރަކާތް ދުރުވެގެންދާނެ ކަންކަން ކަމަށެވެ. އަދި ހަރާމް ގޮތުގައި ފައިސާ ހޯދައިގެން އަނބިދަރީންނަށް ހަރަދުކުރުމުގެ ނުރައްކާތެރިކަން ހަނދާންކޮށްދެއްވައި، ހަރާމް ތަކެތިން ލިބޭ އެއްޗެއް ކައިގެން ހެދިބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެގެންވާ ހަށިގަނޑެއްކަން ބަޔާންކުރެއްވިއެވެ.
ހުތުބާ ނިންމަވާލައްވަމުން، މުޖުތަމައުގައި ތިބި އެހީތެރިކަމަށް ބޭނުންވާ އެންމެހައި ފަރާތްތަކަށް، ހާއްސަކޮށް ކުޑަކުދިންގެ ހިޔާތަކުގައި އުޅޭ ޔަތީމު ކުދިންނަށާއި، ލޭއަޅާ ކުދިންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދިނުމަށް ތަނަވަސްކަމުގެ އަހުލުވެރިންނަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި މިފަދަ އިޖުތިމާއީ ހިދުމަތްތަކަކީ މާތްވެގެންވާ މަތިވެރި އަޅުކަމެއްގެ ގޮތުގައި ދެކެ، މުޅި މުޖުތަމައުގެ އިސްލާމީ ކަރާމާތް ދެމެހެއްޓުމަށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.



