2035 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށާއި، 2070 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ ޖުމްލަ އާބާދީގެ 36 އިންސައްތައަކީ މުސްލިމުން ކަމުގައި ވާނެ ކަމަށް އާ ދިރާސާ އަންދާޒާތަކުން ދައްކައިފިއެވެ.
މި އަންދާޒާތައް އާންމުކޮށްފައިވަނީ އެމެރިކާގެ ވޮޝިންޓަން ޑީސީގައި ގާއިމުވެފައިވާ ނޮން-ޕްރޮފިޓް އިދާރާއެއް ކަމަށްވާ ޕިއު ރިސާޗް ސެންޓަރުންނެވެ. އެ ސެންޓަރަކީ އާބާދީގެ ދިރާސާތަކާއި، އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭތަކުގެ އިތުރުން ދީނާއި، ސިޔާސަތާއި، އިޖުތިމާއީ މައްސަލަތައް ފަދަ ދުނިޔޭގެ އެކި ޓްރެންޑްތައް ދިރާސާކުރާ އިދާރާއެކެވެ.
"ދަ ފިއުޗަރ އޮފް ވަރލްޑް ރިލިޖަންސް: ޕޮޕިއުލޭޝަން ގްރޯތު ޕްރޮޖެކްޝަންސް، 2020–2070" ގެ ނަމުގައި ޕިއު ރިސާޗް ސެންޓަރުން ނެރުނު މި ރިޕޯޓުގައި އަންދާޒާކޮށްފައިވާ ގޮތުން، ކުރިއަށް އޮތް ފަސް ދަހަރުގެ ތެރޭގައި ދުނިޔޭގެ މުސްލިމުންގެ އާބާދީ 80 އިންސައްތަ އިތުރުވެ، 2070 ވަނަ އަހަރު 3.6 ބިލިއަނަށްވުރެ މައްޗަށް އަރާނެއެވެ.
މި ދިރާސާގެ އަންދާޒާތައް ދައްކާ ގޮތުން 2035 ވަނަ އަހަރު ކްރިސްޓިއަނުންނަށްވުރެ މުސްލިމުންގެ އަދަދު އިތުރުވާނެއެވެ. އެގޮތުން އެ އަހަރު ދުނިޔޭގެ މުސްލިމުންގެ އާބާދީ 2.57 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ކްރިސްޓިއަނުންގެ އާބާދީ ހުންނާނީ 2.52 ބިލިއަންގައެވެ.
މުސްލިމުންގެ އާބާދީ މިހާ ހަލުވިމިނެއްގައި އިތުރުވަމުންދާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ދަރިމައިވުމުގެ ނިސްބަތް މަތިވުމާއި، މުސްލިމް އާބާދީގައި ޒުވާނުންގެ ނިސްބަތް ގިނަވުމެވެ. އެގޮތުން 2020 އާއި 2025 އާ ދެމެދު މުސްލިމް އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބިފައިވާއިރު، މުސްލިމް ނޫން އަންހެނަކަށް އެވްރެޖްކޮށް ލިބިފައިވަނީ 2.0 ކުދިންނެވެ.
މީގެ އިތުރުން، 2020 ވަނަ އަހަރު މުސްލިމުންގެ މެދު އުމުރު (މީޑިއަން އޭޖް) ހުރީ 24 އަހަރުގައި ކަމަށްވާއިރު، މުސްލިމް ނޫން މީހުންގެ މެދު އުމުރު ހުރީ 33 އަހަރުގައެވެ. މިއީވެސް މުސްލިމުންގެ އާބާދީ ބާރަށް އިތުރުވުމަށް މަގުފަހިވާ މުހިންމު ސަބަބެއް ކަމަށް ރިޕޯޓުގައިވެއެވެ.
2070 ވަނަ އަހަރު އަންނައިރު ދުނިޔޭގައި އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ގައުމަކަށް ޕާކިސްތާން ވާނެ ކަމަށް ލަފާކޮށްފައިވާއިރު، ޕާކިސްތާނުގެ ފަހަތުން ދެން އެންމެ ގިނަ މުސްލިމުން ތިބޭނީ އިންޑިއާ، ނައިޖީރިއާ އަދި އިންޑޮނޭޝިއާގައެވެ.
ދުނިޔޭގެ މައިގަނޑު ހަތް ދީނީ ގްރޫޕަކަށް އަމާޒުކޮށްގެން ޕިއު ރިސާޗް ސެންޓަރުން އެކުލަވާލި މި އަންދާޒާތައް ބިނާކޮށްފައިވަނީ ދަރިމައިވުމުގެ ނިސްބަތާއި، މަރުވާ ނިސްބަތާއި، ހިޖުރަކުރުމާއި، އުމުރުފުރާ ބެހިފައިވާ ގޮތުގެ އިތުރުން ދީން ބަދަލުކުރާ ނިސްބަތް ފަދަ އާބާދީގެ މުހިންމު ބަހާތަކުގެ މައްޗަށެވެ. މި ހޯދުންތައް އެކުލަވާލާފައިވަނީ މިހާރު ހުރި އާބާދީގެ ޓްރެންޑްތައް 2070 ވަނަ އަހަރާ ހަމައަށްވެސް ހަމަ އެގޮތުގައި ދެމިއޮންނާނެ ކަމަށް ބަލައިގެންނެވެ.





