މާލޭގެ ގެސްޓްހައުސްއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ސާބިތުވެ، ޒުވާނަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މީގެ ހަތަރު އަހަރު ކުރިން ހިނގި މި ހާދިސާއާ ގުޅިގެން މި ހުކުމް އިއްވާފައިވަނީ ލ. މާބައިދޫ، ކަޑުރޯޅި، އިސްމާއީލް ޖުމާންގެ މައްޗަށެވެ. ޝަރީއަތަށް ސާބިތުވި ގޮތުގައި، ފަތިހުގެ ވަގުތެއްގައި އޭނާ މި ޖަރީމާ ހިންގާފައިވަނީ އަނިޔާ ލިބުނު އަންހެން މީހާ ގެސްޓްހައުސްއަކަށް ގެންގޮސް، އޭނާގެ ނުރުހުމުގައެވެ.
މި މައްސަލައިގައި ގާޒީ މުޒައްމިލް ނާސިރު އިއްވެވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ، ޑީއެންއޭ ތަހުލީލު ރިޕޯޓާއި، ކުށުގެ ވެށީގެ ތަހުގީގީ ރިޕޯޓް އަދި މެޑިކޯ ލީގަލް ރިޕޯޓުން، އަނިޔާ ލިބުނު ފަރާތާއެކު ޖުމާން ޖިންސީ އަމަލު ހިންގާފައިވާކަން ސާފުކޮށް ކަށަވަރުވާ ކަމަށެވެ. އެގޮތުން، އަނިޔާ ލިބުނު މީހާގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުން ޖުމާންގެ ޑީއެންއޭ ފެނިފައިވާކަން ކޯޓުން ވަނީ ކަށަވަރުކޮށްފައެވެ.
ހަމައެއާއެކު، އަނިޔާ ލިބުނު ފަރާތުގެ މެޑިކަލް ރެކޯޑުތަކަށް ބަލާއިރު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމާއި، ކަރުގައި ޒަހަމްތަކެއް ހުރިކަން އެނގެން އޮތް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އަދި ރުހުމުގައި ހިންގާ އަމަލެއްގައި އެފަދަ އަނިޔާތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށްވެސް ގާޒީ ފާހަގަކުރެއްވިއެވެ.
ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، އިސްމާއީލް ޖުމާން މި އަމަލު ހިންގާފައިވަނީ އަނިޔާ ލިބުނު ފަރާތުގެ އެއްވެސް ރުހުމެއް ނެތްކަން އެނގިހުރެ، ކުށް ކުރުމުގެ ސާފު ގަސްދުގައި ކަމަށެވެ. އެހެންކަމުން، އޭނާގެ މައްޗަށް ރޭޕްކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.





