ހުޅުމާލޭގައި ހުންނަ "ޚާންޖީ" ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ވެއިޓަރަކަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލި މައްސަލައިގައި، އެ ރެސްޓޯރެންޓުގެ ޕާކިސްތާނު ކައްކާ މުޙައްމަދު އާބިދު (26 އަހަރު) ގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. މި ޙާދިސާ ހިނގާފައިވަނީ 16 އެޕްރީލް 2022 ވީ ރަމަޟާން މަހުގެ ދުވަހެއްގައެވެ. ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ކައްކާ އާބިދު އާއި ބަންގްލަދޭޝްގެ ވެއިޓަރާ ދެމެދު ހިނގި ޒުވާބަކަށްފަހު، އާބިދު ވަނީ ތޫނު ވަޅިއަކުން ވެއިޓަރަށް ޙަމަލާދީފައެވެ. ޙަމަލާއަށްފަހު އާބިދު ފިލައިގެން އުޅެނިކޮށް، ފުލުހުން އޭނާ ހޯދައި ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަޙައްދުންނެވެ.
ޝަރީޢަތުގައި އާބިދު ބުނެފައިވަނީ އޭނާ ޙަމަލާދިނީ އަމިއްލަ ދިފާޢުގައި ކަމަށާއި، އެވަގުތު އަތުގައި ވަޅިއެއް އޮތްކަންވެސް ނޭނގޭ ކަމަށެވެ. އަދި ވެއިޓަރު މަރާލުމުގެ އެއްވެސް ޤަޞްދެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މައްސަލަ ބެއްލެވި ޤާޟީ އަޙްމަދު ޝަފީޢު ވިދާޅުވީ، އާބިދު ދެއްކި ވާހަކަތަކަކީ އަމިއްލައަށް ހަދާލާފައިވާ ޚިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ރުޅިގަދަވެގެން ވަޅިން ޙަމަލާދިންކަން ހެކިންގެ ހެކިބަހުން އެނގޭތީއާއި، އެފަދަ ޙަމަލާއެއްގެ ސަބަބުން މީހެއްގެ ފުރާނަ ދިއުން އެކަށީގެންވާކަން ކޮންމެ ބުއްދިވެރިއަކަށްވެސް އެނގޭނެތީ، ގަސްތުގައި މީހަކު މަރާލުމުގެ ކުށް އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.








