ކްރިމިނަލް ކޯޓަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު އެ ކޯޓުގެ ގާޒީ ކަމަށް އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓަށް ތިން ގާޒީން ހޯދުމަށް އެ ކޮމިޝަނުން އިއުލާނުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 6 ވަނަ ދުވަހުއެވެ.
ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަނު ކުރުމަށް ނިންމާފައިވާ ތިން ބޭފުޅުންނަކީ:
މުހައްމަދު އަބްދުﷲ (ޑްރީމް / ތ. ވޭމަންޑޫ)
ސުލައިމާން މުހައްމަދު (ނޫރާނީގެ / ޅ. ކުރެންދޫ)
އަހުމަދު ތައުފީގް (ޑޭޒީމާގެ / ހއ. ދިއްދޫ)
ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ލިބޭ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 37,700 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ލިވިން އެލަވެންސްގެ ގޮތުގައި 18,000 ރުފިޔާ، ރިސްކް އެލަވެންސްގެ ގޮތުގައި 3,300 ރުފިޔާ އަދި ފޯން އެލަވެންސްގެ ގޮތުގައި 1,000 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސްވެސް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ޖޭއެސްސީން ވަނީ ދާދި ފަހުން ސިވިލް ކޯޓުގެ ގާޒީ ކަމަށްވެސް ތިން ބޭފުޅަކު ހޯދުމަށް އިއުލާނުކޮށްފައެވެ. އެ މަގާމަށް 40 އަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.









