ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ މުހިންމު ތިން ދާއިރާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަޠީފު ފާހަގަކުރައްވައިފިއެވެ. އެމަނިކުފާނު މިކަންކަން ފާހަގަކުރެއްވީ އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދިޔަ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ތިން ދާއިރާއަކީ:
- މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް އިސްނަގައިގެން މަސައްކަތްކުރުމަށް މީހުން ބާރުވެރިކުރުން
- ގައުމީ ލަނޑުދަނޑިތަކަށް އިހްތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލުކަން އަށަގެންނެވުން
- ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެންމެން ގުޅިގެން އަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުން.
ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ގާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ގައުމީ މަސްލަހަތުތަކަށް އިހްތިރާމްކުރެވި، ކޮންމެ މެންބަރު ގައުމަކަށްވެސް އެގައުމެއްގެ ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިހުތިޔާރު އޮންނަންވާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ހަމައަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ތަޖުރިބާ ހިއްސާކުރުމާއި، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ގުޅިގެން ހައްލުތައް ހޯދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެއިތުރުން، ކޮމަންވެލްތް ވަރުގަދަވުމަކީ ގައުމުތަކުގެ އަމިއްލަ ބާރާއި ގާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭ ޖަމާއަތަކަށް ކޮމަންވެލްތްވުން ކަމުގައިވެސް ވިދާޅުވިއެވެ.
ރާއްޖެއިން ހާސިލުކުރަން ނިންމާފައިވާ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކުގެ ތަފްސީލު ހާމަކުރައްވަމުން، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ އަމާޒު ނައިބު ރައީސް ތަކުރާރުކުރެއްވިއެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިގުތިސާދަކީ ޖީ.ޑީ.ޕީ ގެ 15 އިންސައްތައަށް ހެދުމަށާއި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ލަނޑުދަނޑިތަކަކީ އިތުރަށް ވިލުންތެރި ރާއްޖެއެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ބައެއްކަން ބަޔާންކުރައްވަމުން، ގައުމީ ތަރައްގީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ހައްގުވާ ބަޔަކީ ރައްޔިތުން، އަދި ހާއްސަކޮށް ޒުވާނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޒުވާނުންނަށް ހުނަރާއި، އިލްމާއި، ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މުހިންމު ވުނަކުރުމެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، ބޭރުން އަންނަ ގޮންޖެހުންތަކާއި ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކުގެ ސަބަބުން، ދުރުރާސްތާގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގައުމުތަކަށް އޮތް ފުރުސަތު ހަނިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިލުންތެރިކަން އިތުރުކުރަނިވި ބައިވެރިވުންތަކުގެ ތެރެއިން، ގައުމުތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ކޮމަންވެލްތަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.




