މިއަހަރުގެ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި އެކި ޑިސްޓްރިކްޓްތައް ހިމެނޭހެން ހާހަކަށްވުރެ ގިނަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބައިވެރިވެފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް މީގެ 80 އަހަރު ކުރިން ވަރަށް ކުޑަކޮށް ފެށި މި މައުރަޒު މިއަދު މުޅިން އެހެން ހަރުފަތަކަށް ގެންދެވިފައިވާއިރު، މިދިޔަ އަހަރު 308 ވިޔަފާރިވެރިންނާއި 3,600 ހުށަހެޅުން ބައިވެރިވި ނަމަވެސް، މިއަހަރު 780 ވިޔަފާރިވެރިންނާއެކު 6,000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓްރީކޮށްފަވެއެވެ.
މިއަހަރުގެ މައުރަޒަށް ގެނެވުނު އެންމެ މުހިންމު ބަދަލަކީ ސީދާ އެ އުފެއްދުމެއް އުފެއްދި ފަރާތުގެ ނަމުގައި މެނުވީ ބައިވެރިނުކުރެވޭގޮތް ހެދުމެވެ. މިއީ އުފެއްދުންތެރިޔާ ރަމްޒުކޮށްދީ، އަމިއްލަ ވިޔަފާރިތައް ފެށުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގެނެވުނު އިސްލާހެކެވެ. މީގެއިތުރުން، އައު އިޖާދީ ވިސްނުންތަކަށް ފުރުސަތުދީ، ދިވެހި އުފެއްދުންތައް ބައިނަލްއަގްވާމީ މާކެޓުތަކާ ގުޅުވާލަދިނުމުގެ މަގުސަދުގައި "އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް" ގެ ނަމުގައި ހާއްސަ ބައެއް އިތުރުކުރަން ނިންމާފަވެއެވެ.
އަމަލީ ގޮތުން އިތުރުކުރަން ނިންމި އަނެއް މުހިންމު ބަޔަކީ "ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް" އެވެ. މިއީ ދިވެހިރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ހިދުމަތްތައް ދޭ ރަށްތަކާއި، އެ ރަށްރަށުން ލިބެންހުންނަ ހިދުމަތްތައް ފަތުރުވެރިންނަށް ޕްރޮމޯޓްކުރުމަށްޓަކައި މިއަހަރު އަލަށް ހުޅުވާލެވުނު ފުރުސަތެކެވެ. މިދިޔަ އަހަރުގެ މައުރަޒުގައި ފަތުރުވެރިކަމުގެ ދާއިރާއަށް މިފަދަ ފުރުސަތެއް ލިބިފައިނުވާތީ، މިއީ ލޯކަލް ޓޫރިޒަމާއި ބޭރުގެ މާކެޓުތައް ސީދާ ގުޅުވާލަދޭނެ މުހިންމު ކުރިއެރުމެކެވެ.
ބީސީސީގެ މެނޭޖިން ޑިރެކްޓަރ ޒިޔާއު ތަކުރާރުކޮށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އަދި ބީސީސީގެ އަމާޒަކީ ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް ނެރެދީ، ގައުމުގެ އިގްތިސާދަށް ބޮޑު ބޫސްޓެއް ހޯދައިދިނުމެވެ. މިހާރު ބޭރުގެ މާކެޓުތަކަށް ދަނީ ވަރަށް މަދު ދިވެހި އުފެއްދުމެއް ކަމަށްވާތީ، ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް ދިވެހިންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތައް އަންނަނީ ރާވައި ހިންގަމުންނެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ރޭވިފައިވަނީ ޖުމުލަ 7 ޑިސްޓްރިކްޓެއްގެ މައްޗަށެވެ. ވާދަކުރުމުގެ ބައިވެސް ހިމެނޭހެން 1,000 އަށްވުރެ ގިނަ ވިޔަފާރިތަކުގެ އުފެއްދުންތައް ފެނިގެންދާނެ މި މައުރަޒަކީ، މިފަދަ ގޮތަކަށް ބޭއްވޭ އެންމެ ފުރިހަމަ އަދި އެންމެ ބޮޑު މައުރަޒަށް ހެދުމަށް ސަރުކާރުން ވަނީ ގިނަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.
މި މައުރަޒު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ޖުމުލަ 9 ދުވަހުގެ މުއްދަތަށެވެ. އެގޮތުން މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ކުރިއަށްދާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.




