އޮސްޓްރިއާގެ ވިއެނާގައި ހުންނަ މިއުޒިއަމް އޮފް އެޕްލައިޑް އާޓްސް (އެމްއޭކޭ) ގައި ބަހައްޓާފައި ހުރި މިސްރުގެ ކުރީގެ ރާނީ ނާޒްލީގެ ތާރީހީ ޑައިމަންޑް ހާރެއް، މިއުޒިއަމް ހުޅުވާފައި ހުރި ވަގުތެއްގައި ވަގަށް ނަގައިފި އެވެ.
ޕްލެޓިނަމްއިން ތައްޔާރުކޮށް 200 ކެރަޓުގެ 673 ޑައިމަންޑް ހަރުކޮށްފައިވާ މި ހާރު ވަގަށް ނަގާފައިވަނީ އާންމު ޒިޔާރަތްތެރިންގެ ގޮތުގައި މިއުޒިއަމަށް ވަތް ދެ މީހަކު، ހާރު ބަހައްޓާފައި ހުރި ބިއްލޫރި ކޭސް ހަލާކުކޮށްލުމަށްފަހުގަ އެވެ. އޮސްޓްރިއާގެ ފުލުހުން ދަނީ މި ދެ މީހުންގެ ސެކިއުރިޓީ ކެމެރާ ފޮޓޯތައް އާންމުކޮށް، އެމީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި ހާރަކީ 1939 ވަނަ އަހަރު ރާނީ ނާޒްލީގެ ދަރިކަނބަލުން ޕްރިންސެސް ފައުޒިއާ، އީރާނުގެ އޭރުގެ ޝާހީ ވަލީއަހުދު (ފަހުން އީރާނުގެ ޝާހު) މުހައްމަދު ރެޒާ ޕަހްލަވީއާ ކައިވެނިބައްލަވައިގަތް ހަފުލާގައި ތުރުކުރެއްވި ހާރެކެވެ. މީގެކުރިން 2015 ވަނަ އަހަރު ނިއުޔޯކްގެ ސޯތުބީސް އޯކްޝަންގައި މި ހާރު ވަނީ 4.3 މިލިއަން ޑޮލަރަށް ވިއްކާލާފަ އެވެ.
މި ހާރަކީ އެމްއޭކޭ މިއުޒިއަމްގައި ކުރިއަށްދިޔަ 'ވޭން ކްލީފް އެންޑް އާޕެލްސް' ގެ 300 އަށްވުރެ ގިނަ ޖަވާހިރުގެ އުފެއްދުންތައް ދައްކުވައިދޭ މައުރަޒުގެ ބައެކެވެ. މި ވައްކަމާ ގުޅިގެން މިއުޒިއަމުން ވަނީ އެ މައުރަޒު ވަގުތީގޮތުން ބަންދުކޮށްފަ އެވެ.
ޔޫރަޕުގެ މިއުޒިއަމްތަކުން ތާރީހީ އަގުހުރި ތަކެތި ވަގަށް ނެގުމުގެ ހާދިސާތައް އިތުރުވަމުންދާތީ، މިއުޒިއަމްތަކުގެ ސެކިއުރިޓީއާމެދު މިހާރު ވަނީ ކަންބޮޑުވުންތައް އުފެދިފައެވެ.









